ބޭރުގެ ލޯނަށް ބަރޯސާވެގެން ސްރީލަންކާއަށް ރަނގަޅު އިގުތިސާދެއް ބިނާ ނުކުރެވޭނެ: ރަނިލް

ކޮލަންބޯ (31 އޮގަސްޓް 2022): ލޯނަށް ބަރޯސާވެގެން ސްރީލަންކާއަށް ރަނގަޅު މުސްތަގްބަލެއް ނުލިބޭނެކަމަށާއި އިގްތިސާދުވެސް މިނިވަން ނުކުރެވޭނެކަމަށް އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް އަންދާޒާކޮށްފައިވާ ސްރީލަންކާގެ ބަޖެޓް ޕާލަމެންޓަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި ރަނިލް ވިދާޅުވީ އޭނާގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ސްރީލަންކާގެ އަމިއްލަ އުފެއްދުންތައް އިތުރުކޮށް އިމްޕޯޓްކުރާ މިންވަރު މަދުކޮށް، އިގްތިސާދު ކުރިއަރާ ރޭޓް މަތިކުރުމަށް ކަމަށެވެ.

އެގޮތަށް މަސައްކަތްކޮށްފި ނަމަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑެފިސިޓް ނެތް ފުދުންތެރި ބަޖެޓަކަށް ދެވޭނެކަމަށާއި 2026 ވަނަ އަހަރުގެ ނިޔަލަށް ސްރީލަންކާގައި ހަރުދަނާ އިގްތިސާދީ ބިންގަލެއް އެޅިދާނެކަމަށް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވިގޮތުގައި އިގްތިސާދު ހަމައަކަށް އެޅުވުމަށާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި އޭނާގެ ސަރުކާރުން ގިނަ ކަންތައްތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިގްތިސާދަށް ޚާއްސަކޮށްގެން ބައެއް ގާނޫނުތައް ވުޖޫދަށް ގެނައުމާ އަދި މިހާރުހުރި ބައެއް ގާނޫނުތަކަށް އިސްލާހު ކުރުން ހިމެނެއެވެ.

މީގެއިތުރުން މިހާރަށްވުރެ ޓެކްނިކަލް ގޮތުން މަސައްކަތްތެރި އަދި އުފެއްދުންތެރި ތައުލީމީ ޖީލެއް ބިނާކުރަންޖެހޭ ކަމަށާއި މިކަމަށްޓަކައި ސްރީލަންކާގެ ތައުލީމީ ނިޒާމަށްވެސް އިސްލާހީ ބަދަލުތައް ގެންނަން ރާވާފައިވާކަމަށް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވި ގޮތުގައި ސްރީލަންކާގެ އިގްތިސާދީ މުއައްސަސާތަކަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ވާދަ ކުރެވޭވަރުގެ ތަކެތި އުފައްދާ މުއައްސަސާތަކެއް ކަމަށް ހެދުމަކީ ދުރު މުއްދަތުގެ ޕްލޭނެކެވެ. ޓެކްނިކަލް ގޮތުން މަސައްކަތްތެރި އަދި އުފެއްދުންތެރި އަދި އަޚުލާގީ ގޮތުން ރަނގަޅަށް ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރެވިއްޖެނަމަ މިކަން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ތަދުމަޑުކަމާއި އިގްތިސާދީ ބަނގުރޫޓުވުމުން އަރައިގަތުމަށްޓަކައި އެގައުމުން ގެންދަނީ ޚަރަދު ކުޑަކުރުމުގެ ގޮތުންނާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން އެތައް ކަމެއް ކުރަމުންނެވެ. މީގެތެރޭގައި ބޭރުން އިމްޕޯޓްކުރާ ގިނަ ބާވަތްތަކެއް އިމްޕޯޓު ކުރުން ހުއްޓާލުމާއި ދަނޑުވެރިކަން އިތުރު ކުރުމާއި ސަރުކާރުގެ އިދާރީ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.

comment ކޮމެންޓް