ކުޑަހުވަދޫގައި 1200 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް ބަހައްޓައިފި

ކުޑަހުވަދޫގައި ފެނަކައިން ބެހެއްޓި އައު ޖެނެރޭޓަރު --

ދ. ކުޑަހުވަދޫގައި 1200 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.

މިއީ ކުޑަހުވަދޫ ރައްޔިތުންނަށް ދެމުން ގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފެނަކައިން ބުނީ އެ ޖެނަރޭޓަރު ސެޓުގެ އިތުރުން ޖަނަރޭޓަރު ސިންކްރޮނައިޒިން ޕެނަލެއް އެ ރަށަށް ފޮނުވައި މިހާރު ހަރުކޮށްފައިވާ ކަމަށެެވެ. މީގެ އިތުރުން ރަށުގެ ވޯލްޓޭޖް ޑްރޮޕް މައްސަލަ ހައްލު ކުރުމަށް އެލްވީ، އަދި އެޗްވީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން 3407 މީޓަރު ކޭބަލް ވަޅުލުމާއި ހަތަރު ޓްރާންސްފޯމަރާ ފަސް، ރިންގް، މެއިން ޔުނިޓް ބެހެއްޓުމުގެ އިތުރަށް 25 ޑިސްޓްރިބިއުޝަން ފޮށި ބަދަލު ކުރެވިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

ކުޑަހުވަދޫ އައު ޖެނެރޭޓަރު ސެޓެއް ބެހެއްޓުން --

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު "ސަން"އަށް ވިދާޅުވީ ކުޑަހުވަދޫ އަކީ އެއާޕޯޓެއް ވެސް އޮވެފައި، ވަރަށް ގިނަ މަސައްކަތްތައް ކުރާ ރަށަކަށް ވުމުން އެރަށުގެ ނެޓްވޯކާއި ކެޕޭސިޓީ އިތުރު ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އެހެންވުމުން މުޅި ރަށުގެ ނެޓްވޯކް، ހައިވޯޓޭޖް ނެޓްވޯކަށް މިހާރު އެވަނީ ބަދަލުކޮށްފައި ކަމަށް ސައީދު ވިދާޅުވިއެވެ.

"މުޅި އެއާޕޯޓަށް ކަރަންޓު ދެވޭ ލެވެލަށް އަޅުގަނޑުމެންގެ ނެޓްވޯކް އަޕްގްރޭޑް މި ކުރީ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ދެ ކަމަކުން ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ގެރެންޓީއެއް ލިބިގެން ދާނެ. އެއް ކަމަކީ މުޅި ރަށުގެ ރައްޔިތުންގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ހަމަ ކަރަންޓު ދެމެހެއްޓެނިވި ގޮތެއްގައި ލިބުން. އަނެއް ކަމަކީ އިރުއިރުކޮޅާ ކަރަންޓު ކަނޑައިގެން ނުދާނެ ކަމުގެ ޔަގީންކަން ލިބުން،" ސައީދު ވިދާޅުވިއެވެ.

ކުޑަހުވަދޫ އައު ޖެނެރޭޓަރު ސެޓެއް ބެހެއްޓުން --

ސައީދު ވިދާޅުވީ ކުޑަހުވަދޫއަކީ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތައް ހިނގަމުން އަންނަ ރަށަކަށް ވެފައި އެ މަސައްކަތް ކުރުމުގައި ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ ހައްލު ކުރެވުނީ ކަމަށެވެ. އެހެންކަމުން ކަރަންޓު ނެތޭ ބުނެ، ކުރަން ބޭނުންވާ އިންވެސްޓްމެންޓެއް ނުވަތަ މަސައްކަތެއް ވެސް ނުކޮށް ނުތިބުމަށް އެ ރަށުގެ ރައްޔިތުންގެ ކިބައިން ސައީދު އެދިވަޑައިގަތެވެ.

ފެނަކައިން މަސައްކަތް ކުރަމުން އަންނަނީ ކަރަންޓްގެ މައްސަލަ ހައްލު ކުރަން މިހާރު މަސައްކަތް ފަށާފައިވާ ރަށްރަށުގެ ތެރެއިން 85 ޕަސެންޓް މުޅިން ނިންމުމަށެވެ.

ސައީދު ވިދާޅުވީ އެ ޓާގެޓަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

comment ކޮމެންޓް