ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސްއިން އަތުލައިގެން މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު 526 ގްރާމް ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެ މައްސަލައިގައި ޝާމިލުވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައެވެ.

މިއީ މި އަހަރު ތެރޭގައި މި ބާވަތުގެ މަސްތުވާތަކެތި ރާއްޖެ ކޮށްފައި ވަނިކޮށް އަތުލައިގަތް ދެވަނަ ފަހަރެވެ.

ފުރަތަމަ ފަހަރު މިބާވަތުގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ކުރިއަރު މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި މި އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހުއެވެ.

ކަސްޓަމްސްއިން އެ ފަހަރު ވަނީ 585 ގްރާމްގެ މެފެޑްރޯން އަތުލައިގެންފައެވެ.

comment ކޮމެންޓް