ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ފިޔޯރީގައި ލައިބްރަރީއެއް ގާއިމުކޮށްފި

ބީއެމްއެލްގެ އެހީގައި ފިޔޯރީގައި ގާއިމް ކުރި ކޮމިއުނިޓީ ލައިބްރަރީ --- ފޮޓޯ: ބީއެމްއެލް

ގައުމީ ބޭންކް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ފިއޯރީގައި ކޮމިއުނިޓީ ލައިބްރަރީއެއް ގާއިމުކޮށްފިއެވެ.

ފިޔޯރީގައި އެ ލައިބްރަރީ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށުގެ ޖަމިއްޔާއެއް ކަމުގައިވާ ފިއޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމަންޓް (ފޭސް)ގެ ފަރާތުންނެވެ.

އެ ޕްރޮޖެކްޓްގެ މަގްސަދަކީ ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމާއި، ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް، ބޭރުތެރޭގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ އެހީގައި ފިޔޯރީގައި ގާއިމް ކުރި ކޮމިއުނިޓީ ލައިބްރަރީ --- ފޮޓޯ: ބީއެމްއެލް

އެ ލައިބްރަރީ ތަރައްގީކޮށްފައިވަނީ ފިއޯރީ ކުޑަކުދިންގެ ޕާކުގެ ބައެއްގެ ގޮތުގައެވެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން ފޭސް ޖަމިއްޔާގެ ނައިބު ރައީސް ސުރުހާން މުހައްމަދު ވިދާޅުވީ ފިއޯރީގައި އާއިލާތައް އެއްވެ, ގުޅުން ބަދަހި ކުރަން މީގެ ކުރިން ވަކި ހާއްސަ މާހައުލެއް ނެތް ކަމަށެވެ. ނަމަވެސް މިހާރު ކޮމިއުނިޓީ ލައިބްރަރީ ހަދާފައިވާ ސަރަހައްދު އެކަމަށް ދެން ބޭނުންކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ޕާކަށް އަންނަ ކުދިންނަށް އާއިލާއާއެކު ގެއިން ބޭރުގައި ފޮތް ކިޔާލުމަށް ވަގުތު ހޭދަކުރެވޭނެ. އަޅުގަނޑުމެންގެ އުއްމީދަކީ މިތަނަކީ މި މުޖުތަމައަށް މުހިންމު ތަނަކަށް ވެގެން ދިއުން،" ސުރުހާން ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން، ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

comment ކޮމެންޓް