ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ ދޭން ގޮވާލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް--- ފޮޓޯ/ މަޖިލިސް

ދަރިމައިނުވުމުގެ މައްސަލައަށް ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދަގެ ދަށުން ފޯރުކޮށްދެވޭނެ ޚިދުމަތްތަކަކީ ކޮބައިތޯ ދެނެގަނެ، އެ ޚިދުމަތްތައް ފޯރު ކޮށްދެވޭނެ ހަރުދަނާ އުސޫލެއް އަދި މިންގަނޑެއް ކަނޑައެޅުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނީ ދަރިމައިނުވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރު ވަމުންދާ ކަމަށެވެ.

އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެ މައްސަލަ ތަހައްމަލު ކުރަންޖެހިފައިވާ ރައްޔިތުންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކޮށް ފަސޭހަ ކުރުމަށް ގޮވާލާ ކަމަށް ގަރާރު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވިއެވެ.

ގަރާރުގައި ބުނީ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު އަދި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ޚިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

"އިޖުތިމާއީ ގޮތުންނާ އިގްތިސާދީ ގޮތުންނާ އުމުރުގެ ގޮތުންނާ ދުޅަހެޔޮކަމުގެ ގޮތުން އާބާދީގެ ތަފާތު ގިންތިތަކުގެ މެދުގައި ރިސްކު ޕޫލްކޮށް އެމީހެއްގެ އިގްތިސާދީ ހާލަތު ތަންދޭ މިންވަރަކުން ހިއްސާކުރާ ގައުމީ ނިޒާމު އިތުރަށް ފުޅާކޮށް އެ ނިޒާމުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށް ގާނޫނުން ބާރު އަޅާ،" މެމްބަރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން އެ ނިޒާމުގެ ދަށުން ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އިންތިހާއަށް ހަނިވެފައިވާ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

އެ މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވައިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުނދަގޫތައް ކުރިމަތިވާ ކަމަށް އެފަރާތްތަކުން ފާހަގަ ކުރަމުންދާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.

ގަރާރުގައި ބުނީ ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސް ވެސް އާސަންދައިން ނުލިބޭ ކަމަށެވެ.

"ދަރިމައިނުވުމުގެ މައްސަލައަށް ޚާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ޚިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައި، މި މައިގަނޑު މައްސަލައާއި ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސްހިސާބެއް ނެތް،" ގަރާރުގައި ވެއެވެ.

އެ މައްސަލައަށް ހައްލެއް ގެނައުމަށް މި މައްސަލާއި ގުޅޭ ރަނގަޅު ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމުގެ މުހިއްމުކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ދަރިމައިނުވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ފަސޭހައިން ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް މެމްބަރު ގޮވާލެއްވިއެވެ. އަދި އެ މައްސަލައަށް ރާއްޖޭގެ އިގްތިސާދީ ފެންވަރާ އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ގޮވާލާ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

comment ކޮމެންޓް