ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ޓޫރިޒަމް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ގްރީން ޓެކްސް ނެގުން ހުއްޓިފައިވަނީ ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި، މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ރައީސް ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ މަގްސަދަކީ ރިސޯޓުތަކެކޭ އެއްފަދައިން، ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ފެށުމެވެ.

ނަމަވެސް، އެ ގާނޫނުގެ 35ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހުގައި ވާގޮތުން، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާއެކު، މިހާތަނަށް ރިސޯޓުތަކުން ނަގަމުން އައި ގްރީން ޓެކްސް ވެސް ވަނީ ހުއްޓިފައެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އަދި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ފަހު ދައުރަށް ސަރުކާރުގެ ފަރާތުން 30 ބިލެއް ފޮނުވުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓުގެ ބިލް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް، ހައްޖާ އުމްރާގެ ބިލް އަދި ޒަކާތުގެ ބިލް ހިމެނެއެވެ.

މީގެ އިތުރުން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ފޮނުވުމަށް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ނިމި ތިން ވަނަ ދައުރު ފަށާފައިވާއިރު ދެވަނަ ދައުރުގައި މަޖިލީހުން އަށް ބިލެއްގެ މަސައްކަތް ވަނީ ކޮށްފައެވެ.

comment ކޮމެންޓް