ދިއްގަރު ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކޮށްދޭން ރައީސަށް ދަންވައިފި

ރައީސުލްޖުމްހޫރިއްޔާ މ. ދިއްގަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މ. ދިއްގަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.

ކައުންސިލުން މިކަމަށް އެދުނީ ރައީސް މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްގަރަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއެކު މިރޭ ބޭއްވި ބައްދަލުކުރެެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިއްގަރުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ކައުންސިލުން ވަނީ މިހާރު ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް އަށާއި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މިގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމާއި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަން ކައުންސިލުން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ މ. ދިއްގަރަށް ޒިޔާރަތްކުރެއްވުމުން ހޫނު މަރުހަބާއެއް ދަންނަވަނީ ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ދިއްގަރު ކައުންސިލުން ފާހަގަކުރި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ހައުސިން މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުން ހިމެއެވެ. އަދި ސުކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސުކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި ދުވާލެއްގެ މައްޗަށް ފެން އުފެއްދޭ މިންވަރު އިތުރުކުރުން ހިމެނެއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، މިއީ އެމަނިކުފާނަށް ދިއްގަރަށް ވަޑައިގެންނެވުނު ތިން ވަނަ ފަހަރުކަން ފާހަގަކުރައްވައި، ދިއްގަރުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއަށް ދިއްގަރު ކައުންސިލާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މ. ދިއްގަރަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދައުރުގައި ބާކީ އޮތީ އެއް އަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ. އަދި ކައުންސިލްތަކާ އެކު އެގޮތަށް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ބޭނުންފުޅަކީ، ރައްޔިތުން އެންމެ ބޭނުންވާކަންކަން ބައްލަވައިގެން ތަރައްގީއަށް ހިންގޭ މަޝްރޫއުތައް ތަރުތީބު ކުރެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް، މ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ހަވީރު ދިއްގަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ދިއްގަރަށް ވަޑައިގެން އެރަށުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިއްގަރު ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި ރައީސް، ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފައެވެ.

ރައީސް، މި އަތޮޅަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ އެ އަތޮޅު ވޭވަށާއި މުއްޔަށް ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް