ހަގީގީ ބާއްޖަވެރިކަން ހާސިލު ވާނީ ދުނިޔޭގެ ކެހިވެރިކަމުގައި ނުޖެހި ކިޔަމަންތެރިކަން އަދާކުރާ މީހުންނަށް: ޚުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަގީގީ ބާއްޖަވެރިކަން ހާސިލުވާނީ ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ނުޖެހި ﷲއަށް ކިޔަމަންތެރިކަން އަދާކުރާ މީހުންނަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ހަގީގީ ބާއްޖަވެރިކަން ހާސިލުވާނީ އުމުރުގެ ގިނަ ދުވަސް ހެޔޮ އަމަލުކުރުމުގައި ހޭދަކުރާ މީހުނަށް ކަމަށެވެ. އަދި ފާފަތަކުން ދުރުހެލިވެ، ތައުބާވުންމަތީ ދެމިތިބުމަށާއި ފުރިހަމަ ގޮތުގައި ދުނިޔަވީ ހަޔާތުގެ ބޭނުން ހިފުމަށް ޚުތުބާގައި ގޮވާލިއެވެ.

ޚުތުބާގައި ބުނިގޮތުގައި މާއްދީ ހަޔާތަކީ އުޚުރަވީ ހަޔާތްހެން ނިމިގެން ދާނެ ހަޔާތެއް ނޫނެވެ. އެއީ ލޮލަށް ނުފެންނަ ރޫހާނީ ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ތާއަބަދުގެ ހަޔާތެކެވެ.

"އިންސާނާ މި މާއްދީ ހަޔާތުގައި ކުރާ އެންމެހައި ކަންކަމުގެ ހިސާބު ބެއްލެވުމަށް ދެވަނަ ފަހަރަށް ދިރުއްވާ، މަހުޝަރު ބިމުން ޖަމާކުރެވޭނެކަމީ ކޮންމެ މުސްލިމަކު ވެސް ހިތުގެ އަޑީން ގަބޫލުކުރާ އަގީދާއެކެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި އިތުރަށް ބުނިގޮތުގައި ސުވަރުގެއަށް ދިއުމުގެ މަގަކީ ތަކުލީފުތަކާ އުނދަގޫތަކުން ފުރިފައިވާ މަގެކެވެ. އެއީ ދުނިޔަވީ ދަޅަތަކުން ގިރިޓީކުރެވިފައިވާ މަގެކެވެ. އެކަމުން ދުރުހެލިވެގެން ނޫނީ ސުވަރުގެއަށް ދިއުމުގެ މަގު ފަހިއެއް ނުވާނެއެވެ.

މުސްލިމުންގެ ތެރެއިން ކޮންމެ މީހަކު ވެސް ފާފައެއް ކުރެވޭ ހިނދު ތައުބާވުން އަވަސްވެގަތުމަށް ޚުތުބާގައި ގޮވާލިއެވެ.

"ވަކި ވަގުތެއް ޖެހެންދެން ނުވަތަ ވަކި ތާކަށް ދެވެންދެން ތައުބާވުން ލަސްވެގެނެއް ނުވެއެވެ،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް