ސިއްހީ ހިދުމަތްތެރިންނަށް ޚާއްސަ މެންޓަލް ހެލްތް ވޯކްޝޮޕެއް

އަސްބާގެ ފައުންޑާ އަދި މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން "މެންޓަލް ފިޓްނެސް ފޯ ހައި ޕާފޯމާސް" ގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ބާއްވަން, އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)އިން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، އަސްބާގެ ފައުންޑާ އަދި މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ، މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި އޮންނަ "މެންޓަލް ހެލްތް ސްޓިގްމާ" ނައްތާލުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންތިޒާމުކުރި ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ވޯރކްޝޮޕްގައި 70 އާއި 100އާ ދެމެދުގެ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާނެ ކަމަށެވެ.
ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސެޝަންތަކުގައި މައުލޫމާތު ހިއްސާކުރައްވާނީ ދާއިރާގެ ތަޖުރިބާކާރުންނެވެ.

ދެ ސެޝަނެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ސެޝަންގައި މައުލޫމާތު ދެއްވާނީ އިނގިރޭސިވިލާތުގެ ނޯތުމްބްރިއާ ޔުނިވާސިޓީން އޮކިއުޕޭޝަނަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން މާސްޓާ އޮފް ސައިންސަސް ޑިގްރީ ހާސިލް ކުރައްވާފައިވާ އާސިޔަތު ނަސޫހާއެވެ.

ނަސޫހާ އަކީ ޕަބްލިކް ސެކްޓާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި ކޮންސަލްޓެންސީ ރޯލްތަކެއް އަދާކޮށްފައިވާ އޯގަނައިޒޭޝަނަލް ސައިކޮލޮޖިސްޓެކެވެ.

ދެވަނަ ސެޝަން ނަގައިދެއްވާނީ ލީޑާޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފާތިމަތު ޝިފާޒާއެވެ. ވޭތުވެދިޔަ 10 އަހަރު އެޑިއުކޭޝަނަލިސްޓެއްގެ ގޮތުގައި ޝިފާޒާ ވަނީ މަސައްކަތް ކުރައްވާފައެވެ.

މި ވޯރކްޝޮޕްގެ އިތުރަށްވެސް ކުރިޔަށް އޮތްތަނުގައި އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމްކުރުމަށް ހަމަޖެހިފައިވާކަމަށް އަސްބާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް