ގަބުރުސްތާނެއް --- ފޮޓޯ: ޕިންޓަރެސްޓް.ކޮމް

މީސް މީޑިއާގެ ތަފާތު މަންސަތައް ހުޅުވައިލާއިރު އާއްމުކޮށް ފެންނަ އެކައްޗަކީ ކޮންމެވެސް މީހަކު މަރުވެއްޖެކަމުގެ އިއުލާނެވެ. އޭގެތެރޭގައި ގާތް ތިމާގެ މީހުންނާއި، ރައްޓެހިންނާއި، ދަންނަ މީހުންނާއި އަދި ނުދަންނަ މީހުންވެސް ހިމެނެއެވެ. މިފަދަ އިއުލާނެއް މީސް މީޑިއާއަށް ދޫކޮށްލުމުން، ހެޔޮ އެދޭ ފަރާތްތަކުން އަވަސްވެ ގަންނަ ދެކަމެއް އޮވެއެވެ. އެއީ އެ އިއުލާނުގެ ތިރީގައި ކޮންމެވެސް މެސެޖެއް ލިޔެލުމެވެ. އަދި މައްޔިތާގެ ޖަނާޒާގައި ބައިވެރި ވެވޭނަމަ އެކަން ކުރުމެވެ.

މީހަކު މަރުވި ޚަބަރު އެންމެ ގިނައިން އިއުލާނުކުރާ ދެމަންސައަކީ ފޭސްބުކާއި ވައިބާ ގްރޫޕުތަކެވެ. މި މަންސަތަކަށް ދޫކޮށްލާ އިއުލާނުގެ ފަހަތުގައި މެސެޖުތައް ލިޔަމުން ގެންދާއިރު، އެކަން ކުރެވެނީ އެންމެ ރަނގަޅަށްތޯ ވިސްނައިލާން ޖެހެއެވެ.

މީހަކު މަރުވި ޚަބަރު މީސް މީޑިއާގެ މަންސަތަކަށް ލުމުން، އޭގެ ފަހަތުގައި އާއްމުކޮށް ލިޔާ އެއް އިބާރާތަކީ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ އެވެ. (މިއީ ބަޤަރާ ސޫރަތުގެ 156 ވަނަ އާޔަތުގެ ބައެކެވެ.) މި އާޔަތް ލިޔެލުމުން، އެއާ ވިއްދައި .... އާމީން... އާމީން، މިހެން ލިޔާ މީހުންވެސް ތިބެއެވެ. އަނެއް ބަޔަކު އެ އިބާރާތް ހަމަ އެގޮތަށް ކޮޕީކޮށްލާފައި ޕޭސްޓުކޮށްލައެވެ. އޭގެ އިތުރަށް އެހެން އެއްޗެއް ނުލިޔެއެވެ. ބެލެވޭގޮތުން އެހެން އެ ލިޔަނީ، އެ އިބާރާތަކީ މައްޔިތާއަށްޓަކައި ކުރެވޭ ދުޢާއެއްކަމަށް ހީކޮށްފައެވެ. ނުވަތަ މީހަކު މަރުވެއްޖެ ޚަބަރު ލިބުމުން ކުރަންޖެހޭ ކަމަކީ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ކިޔުންކަމަށްވެސް ބައެއް މީހުން ހީކުރަނީކަމަށް ވެދާނެއެވެ. ނަމަވެސް ކަން އޮތީ އެހެނެއްނޫނެވެ. ފުރަތަމަ ކަމަކަށް، އާޔަތުގެ އެ ތަންކޮޅު އެއީ ދުޢާއެއްނޫނެވެ. އޭގެ މާނައަކީ: "ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ހަޒުރަތަށް އެނބުރިދާނޭ ބަޔެކެވެ." މިއެވެ. ދެވަނަ ކަމަކަށް، މީހެއްގެ މަރު އިއުލާނުކުރުމުން އެ އިއުލާނަށް ދޭ ޖަވާބެއްގެ ގޮތުގައި އެ އިބާރާތް އެކަނި ކިޔައިލުމަކީވެސް ސުންނަތް ގޮތެއްނޫނެވެ.

މުސްލިމަކަށް މުސީބާތެއް ކުރިމަތިވާހިނދު، إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ކިޔުމަށް ހަދީސްގައި އައިސްފައިވެއެވެ. އަދި އެއަށްފަހުގައި، اللَّهُمَّ أْجُرْنِي في مُصِيبَتِي، وأَخْلِفْ لي خَيْرًا مِنْها މިފަދައިން ދުޢާކުރުމަށް އިރުޝާދު ދެއްވަވާފައިވެއެވެ.(މުސްލިމް: 3/37) މި ދުޢާގައި އެކުލެވޭ މާނައަކީ: އޭ ﷲ، އަޅާއަށް ކުރިމަތިވި މުސީބާތަށްޓަކައި އަޅާއަށް ސަވާބު ދެއްވާނދޭވެ. އަދި ފާއިތުވެ ދިޔަ މުސީބާތަށްވުރެ ހެޔޮވެގެން ކަމެއް އަޅާއަށް މިންވަރުކުރައްވާނދޭވެ." މި ހަދީސްގައި އެވަނީ ކުދި ބޮޑު އެންމެހައި މުސީބާތުގެ ވާހަކައެވެ. އެހެންކަމުން، މީހަކު މަރުވި ޚަބަރު ލިބުމަކީވެސް ކުރިމަތިވާ މުސީބާތަކަށް ވާތީ، އެއާ ގުޅިގެންވެސް އަމަލުކުރަން އޮތީ މި ބުނި ގޮތެވެ. ހަނދާން ބަހައްޓާށެވެ. މީހަކު މަރުވި ޚަބަރު ލިބުމުން، މިގޮތަށް އަމަލު ކުރުމުން އޭގެ ފައިދާ އޮތީ އެގޮތަށް އަމަލު ކުރާ މީހާއަށެވެ. އެއީ އެއްގޮތަކަށްވެސް މައްޔިތާއަށް އެއިން މަންފާއެއް ކުރާނޭ ކަމެއްނޫނެވެ. ގަބޫލު ކުރެވޭ ގޮތުގައި، މަރުގެ އިއުލާނާ ގުޅިގެން މެސެޖު ލިޔާ ކޮންމެ މީހެއްގެވެސް ނިޔަތަކަށްވާނީ، މައްޔިތާއަށް ފައިދާއެއް ކުރާނޭފަދަ އެއްޗެއް ލިޔުމެވެ. އެހެންކަމަށްވާނަމަ، މަރުގެ ޚަބަރަކީ މުސީބާތަކަށްވާތީ، إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ލިޔެލުން މައްސަލައެއް ނެތެވެ. ނަމަވެސް އެހެން އެކަނި ލިޔެފައި ހުއްޓައިނުލާށެވެ. މައްޔިތާއަށްޓަކައި ހެޔޮ ދުޢާއެއްވެސް ލިޔެލާށެވެ. ކޮންމެ ބަހަކުންވެސް ދުޢާ ކުރެވޭނެއެވެ. ނަމަވެސް ސުންނަތުން ސާބިތުވާ ދުޢާތައް ބޭނުންކުރުމީ އެންމެ އެދެވިގެންވާ ގޮތެވެ. އެއީ ސުންނަތަށް އަމަލުކުރުމުގެ ސަވާބު ހޯދުމަށްޓަކައެވެ.

މީހަކު މަރުވި ޚަބަރު ލިބުމުން ކުރާ ދެވަނަ ކަމަކީ މައްޔިތާގެ ޖަނާޒާގައި ބައިވެރި ވެވޭނަމަ އެކަން ކުރުމެވެ. މިކަމުގެތެރެއިންވެސް ފާހަގަ ކުރެވޭ ނޭދެވޭ ކަންތައްތަކެއް އެބަހުއްޓެވެ. ޖަނާޒާގެ ކަންތައް ކުރިއަށްދާއިރު، ހިނަވާ ގެއިން ބޭރުގައި ތިބޭ ބައެއް މީހުން (ތަކުރާރުކޮށް ފާހަގަ ކުރެވުނު ގޮތުގައި ގިނަ މީހުން) ހީނ ސަމާސާކޮށް ދުނިޔެވީ ވާހަކަތައް ދެއްކުމުގައި މަޝްޣޫލުވެގެން އުޅޭ ތަން ފެނެއެވެ. އުފާވެރި ހަފުލާއަކަށް ގޮސްގެން އުޅޭފަދަ ހަރަކާތްތައް ބައެއް މީހުންގެ ފަރާތުން ފެނެއެވެ. މީގެތެރޭގައި މައްޔިތާގެ އާއިލާގެ މީހުންވެސް ހިމެނޭ ފަހަރު އަންނަކަން ހިތާމަޔާއެކު ފާހަގަކުރަން ޖެހެއެވެ. އެއްދުވަހެއްގައި ހިނގި ކަމެކެވެ. މައްޔިތަކު ވަޅުލައި މަހާނައިގެ ވެލިގަނޑު ރަނގަޅު ކުރަމުން ދިޔައެވެ. އެވަގުތު މަހާނަޔާ ވަރަށް ކައިރީގައި ހުރި، މައްޔިތާގެ ދަރިޔަކާ ދިމާލަށް އެހެން މީހަކު ބުނެލިއެވެ. "ގޮނޑުދޮށުން ވެލި ނެގުން މަނާކޮށްފައި އޮއްވައި ވެލި ގެނައީ ކޮންތަނަކުން ހެއްޔެވެ؟" އޭގެ ޖަވާބުގައި އެ ދަރިފުޅުވެސް މަޖާވެފައި ޖަވާބުދީ ވާހަކަތަކެއް ދެއްކިއެވެ.

ޖަނާޒާގައި ބައިވެރިވާ މީހުންގެ އަމަލުތައް، ބުނެވިދިޔަ ގޮތަށް ހުރުން ސުންނަތާ މުޅީން ޚިލާފެވެ. އެއީ ހީނ ސަމާސާ ކުރުމުގެ ވަގުތެއްނޫނެވެ. ދުނިޔެވީ ވާހަކަތައް ދައްކައި، އެތަނަށް ދާ މީހުންނަށް ކާބޯ ތަކެތި ބަހައި ޕާޓީއެއްގައި އުޅޭހެން އަމަލުތައް ބަހައްޓަންވީ ވަގުތެއްނޫނެވެ. އެއީ މޮޅިވެރިކަމާއި ހިތާމައިގެ ވަގުތެވެ. ޚާއްޞަ ގޮތެއްގައި އެއީ މައްޔިތާގެ އާއިލާއާއި ގާތް މީހުންނަށް ފުން އަސަރުތަކެއް ކުރާނެ ވަގުތެކެވެ. އެއީ މައްޔިތާއަށް ހެޔޮ ދުޢާ ކޮށްދީ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދަންނަވަންވީ ވަގުތެވެ. އާއިލާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށް، މަޑުމައިތިރިކަމާއެކު އެމީހުންނާ އެކުގައި ވާންޖެހޭ ވަގުތެވެ. ބަލިމީހެއް ނުވަތަ މައްޔިތެއްގެ ގާތަށް ދިޔަނަމަ ހެޔޮ ވާހަކައެއްމެނުވީ ނުދެއްކުމަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވަވާފައި ވެއެވެ. އަދި އެއީ މަލާއިކަތުން އާމީން ވިދާޅުވާނެ ވަގުތެއްކަމަށް ހަދީސް ކުރެއްވިއެވެ.(މުސްލިމް: 919) މަލާއިކަތުން އާމީން ވިދާޅުވާނެކަމަށް އޮތުމުން ދޭހަވަނީ، ބަލިމީހާއާއި މައްޔިތާގެ ގާތަށް ހާޒިރުވެ، އެމީހުންނަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުން އެދެވިގެންވާ ކަމެކެވެ.

މީހެއްގެ މަރުގެ ޚަބަރު ލިބުމުން، އެކަމާ ގުޅިގެން ކުރެވޭ ކަންތައްތައް ކުރަންޖެހޭނީ އިސްލާމްދީނުގެ އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އެގޮތަށް އަމަލުކޮށް ސަވާބު ހޯދުމުގެ ނިޔަތް އޮންނަންވާނެއެވެ. ﷲ ގެ ހަޒުރަތުން ސަވާބަށް އެދޭ ހާލު، އީމާންތެރިކަމާއެކު، މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، އޭނާ ވަޅުލައި އަވަދިވެއްޖައުމަށްދާންދެން އެކަމުގައި އުޅެފި މީހަކަށް، ދެ ޤީރާޠުގެ (އެބަހީ: އުޙުދު ފަރުބަދައިގެ ދެ ފަރުބަދަޔާ އެއްވަރުގެ) ސަވާބު ދެއްވާނެކަމަށް ހަދީސްގައި ވެއެވެ.(ބުޚާރީ: 1/89)

ގުޅޭ ޓެގު
comment ކޮމެންޓް