ރިޔާސީ އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދިއްޖެ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް: ރިޔާސީ އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓަކަށް މިއަދު ވަނީ އެދިފައި --- ސަން ފައިލް ފޮޓޯ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އަންދާޒާކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީއަށް މިއަދު ފޮނުވައިފިއެވެ.

އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ސަން" އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަށް ބުރަށް 95 މިލިއަން ރުފިޔާ އަދި ދެވަނަ ބުރަށް 25 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން އެ އަދަދަށް ފައިސާ ހަމަޖައްސައި ދިނުމަށް އެދި މިއަދު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އެންމެ ހަރަދު ބޮޑުވަނީ ކަރުދާސް ޕްރިންޓް ކުރުމަށާއި ވޯޓް ފޮށި އެކި ރަށްރަށުގައި ބެހެއްޓުމަށް ކުރަން ޖެހޭ ދަތުރުފަތުރަށެވެ.

ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބު އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާއިރު ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ފާޅު ކުރައްވައިފައެވެ. އެކަމަށް ވަރަށް އަވަހަށް ޕްރައިމަރީއެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމައިފައެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް މިދިޔަ ހުކުރު ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ އަރުވައިފައެވެ.

އޭގެ އިތުރުން އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުހައްމަދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ.

comment ކޮމެންޓް