ޣާޒީ ސްކޫލު ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް: --- ސަން ފޮޓޯ

ކިޔަވައިދޭ ދަރިވަރަކަށް އެއްޖިންސުން ގޯނާ ކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހަވަރަށް ދިން ޣާޒީ ސްކޫލްގެ ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ 29 އަހަރުގެ އެ ޓީޗަރުގެ ބަންދަށް އިއްޔެ ހުޅުމާލޭ ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާ ހަވަރަށް ދީ އަނިޔާ ކުރީ ހުޅުމާލެ ފޭސް ދޭއްގައި ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް އަނިޔާ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރަނީ ފިރިހެން ޓީޗަރަކަށެވެ.

ވީޑިއޯގައި މީހަކު ޓީޗަރާ ދިމާލަށް އޭނާ ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ހުރިހާ ދަރިވަރުންނަށް ޖިންސީ ގޯނާކުރިކަމަށް ބުނެއެވެ. އެކަމަށް ޖަވާބުދެމުން އޭނާ ބުނީ އޭނާ ޖިންސީ ގޯނާކުރީ އެންމެ ދަރިވަރަކަށް ކަމަށެވެ.

ވީޑިއޯގައި ދައްކާ ވާހަކައިން އޭނާ އަމިއްލައަށް އިސްނަގައިގެން ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ޓިއުޝަން ދިންކަން އެނގެއެވެ. އަދި ދެވަނަ ދުވަހު ޓިއުޝަނަށް ދަރިވަރުން ގެންގޮސް، ބަދުއަހުލާގީ މަންޒަރު ދައްކުވައިދޭ ވީޑިއޯ ދެއްކިކަމަށް ވީޑިއޯގައި ވާހަކަދައްކާ ބައެއް މީހުން ބުނެއެވެ.

އެ ޓީޗަރުގެ ގައިގައި އާންމުންގެ ބަޔަކު ތަޅައި އަނިޔާކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި އަނިޔާކުރުމުން އެ ޓީޗަރު ރޯ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މީހުން އަނިޔާކޮށް، ލައިގެން ހުރި އަންނައުނު ވެސް ބޭލިފަހުންނެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ހަމަލާދީ މާރާމާރީ ހިންގުމުގެ މައްސަލަތައް މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެފަދަ ގޮތްގޮތަށް އަމަލު ކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ރޭ ވެސް ވަނީ ދީފައެވެ.

comment ކޮމެންޓް