ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިޔުމަށް އިތުރު 386 މިލިއަން ރުފިޔާގެ ލެޓާ އޮފް ކްރެޑިޓް (އެލްސީ) ފެސިލިޓީއެއް ބީއެމްއެލް މެދުވެރިކޮށް ނަގައިފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހެޑް, ހަސަން އަރީފް "ސަން"އަށް ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް އެލްސީއެއް ނެގީ އާ ޓާމިނަލްގެ މަސައްކަތަށް އެހީ ދީފައިވާ ގައުމުތަކުން ޑޮކިއުމެންޓޭޝަން ޕްރޮސެސް ފަދަ ކަންކަމާހެދި ޕޭމެންޓް ދިނުމުގައި ބައެއްފަހަރު ލަސްތަކެއް ކުރިމަތިވާތީ ކަމަށެވެ. މިއީ ލޯނެއް ނޫނެވެ.
"މި ފަންޑުގަ މިވާގޮތަކީ ރަނގަޅަށް ޕޭމަންޓު ޓައިމްލީކޮށް ނުލިބިދާނެތީވެ ޕްރޮޖެކްޓް މެދުނުކެނޑި ކުރިއަށް ގެންދަންވެގެން މިކަން މި ކުރީ،" އޭނާ ވިދާޅުވިއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު އާ ޓާމިނަލުގެ މަސައްކަތް ފެށީ މިއަހަރުތެރޭ ނިންމާގޮތަށެވެ. ނަމަވެސް ކޮވިޑާއި އެހެނިހެން ސަބަބުތަކާ ހުރެ އާ ޓާމިނަލުގެ މަސައްކަތް ވަނީ ލަސްވެފައެވެ.
"މިހާރު މާކެޓިން ޕާޓްނާއެއް ވެސް ލިބިގެން ފަންޑު ލިބިގެން ފަންޑު ހޯދައިގެން ކުރިއަށް މިދަނީ،" ހަސަން ވިދާޅުވިއެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝަމްޢާން ޝާކިރު މީގެ ކުރިން "ސަން"އަށް ވިދާޅުވީ އާ ޓާމިނަލްގެ ޑިޒައިންގެ އިތުރުން މުޅި ޓާމިނަލްގެ ހުރިހާ ތަނެއް ވެސް ޑިޒައިން ކޮށްފައި ހުންނާނީ ގިނަ ދުވަސް ތަކަކަށް ބޭނުން ކުރެވޭނޭ ގޮތަށް ވިސްނައިގެން ކަމަށެވެ.
މީގެއިތުރުން އަމިއްލައަށް ޗެކިން ކުރެވޭނެ ނިޒާމަކާއި އެންމެ މި ޒަމާނުގެ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ގާއިމު ކުރުމުގެ އިތުރުން ސްކޭނިން ވެސް އެ ޓާމިނަލްގައި ގާއިމްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުޅި ޓާމިނަލް ޑިޒައިން ކޮށްފައި އެހުރީ ވެސް ތަނުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ވީހާވެސް ލުއިފަސޭހަތައް ލިބޭނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.
ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.
އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ޚަރަދު ކުރުމަށް ހަމަޖައްސާފައި ވަނީ ސައޫދީ އާއި އަބޫދާބީގެ އިތުރުން ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުން ކަމަށެވެ.