ޓެކްސީ ތަކުގައި ކެމެރާ ހަރުކުރަން ލާޒިމް ކޮށްފި

އެއާޕޯޓް ޓެކްސީ ކިއުގައި ޓެކްސީތަކެއް: ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ވަނީ ލާޒިމް ކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރަން ލާޒިމްކޮށް ޓެކްސީ ގަވާއިދު އާންމުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އާންމުކުރި ގަވާއިދުގައި ބުނާ ގޮތުން ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް, ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި ވެސް އެ ކެމެރާއިން ރިކޯޑްކޮށްފައި ހުންނަން ޖެހޭނެއެވެ.

ކެމެރާއިން ކުރާ ރެކޯޑިންތައް މަދުވެގެން ތިން ދުވަސް ވަންދެން ބަހައްޓަން ޖެހެއެވެ.

ޓެކްސީތަކުން ހިދުމަތްދޭ އަގުތައް ޓެކްސީތަކުގެ ތެރޭގައި ފަސެންޖަރުންނަށް ފެންނަ ގޮތަށް ހުންނަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

ޓެކްސީތަކުގެ ގަވާއިދުގައި މިހާރު ވަނީ ސައިކަލް ޓެކްސީ އަދި ޕްރައިވެޓް އުޅަނދުތަކުގައި ޓެކްސީ ކުރަން ޖެހޭނެ އުސޫލުތަކެއް ވެސް ހިމަނާފައެވެ.

އެ ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށާނީ މާދަމާއިން ފެށިގެން ހަ މަސް ދުވަސް ހަމަވުމުންނެވެ.

ކުރިން ވެސް ހުރި ގިނަ ކަންތައްތަކާއި އެކު ބައެއް އާ އުސޫލުތައް ހިމަނައިގެން ޓެކްސީ ގަވާއިދު އާންމުކޮށްފައި މިވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށެވެ. އަދި އެކަމާ ގުޅޭ ގޮތުން ބައެއް ޓެކްސީ ޑްރައިވަރުން ވަނީ އެ މީހުންގެ ހުރި ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައެވެ.

comment ކޮމެންޓް