ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ޣާޒީ ސްކޫލު ޓީޗަރަކު ހަވަރަށް ދީފި

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުޅުމާލޭ ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގައި ކިޔަވާ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ސްކޫލު ޓީޗަރެއް ހަވަރަށް ދީފިއެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާ ހަވަރަށް ދީ އަނިޔާ ކުރީ ހުޅުމާލެ ފޭސް ދޭއްގައި ރޭގެ ވަގުތެއްގައެވެ. އޭނާއަށް އަނިޔާ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރަނީ ފިރިހެން ޓީޗަރަކަށެވެ.

ވީޑިއޯގައި މީހަކު ޓީޗަރާ ދިމާލަށް އޭނާ ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ހުރިހާ ދަރިވަރުންނަށް ޖިންސީ ގޯނާކުރިކަމަށް ބުނެއެވެ. އެކަމަށް ޖަވާބުދެމުން އޭނާ ބުނީ އޭނާ ޖިންސީ ގޯނާކުރީ އެންމެ ދަރިވަރަކަށް ކަމަށެވެ.

ވީޑިއޯގައި ދައްކާ ވާހަކައިން އޭނާ އަމިއްލައަށް އިސްނަގައިގެން ޣާޒީ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ޓިއުޝަން ދިންކަން އެނގެއެވެ. އަދި ދެވަނަ ދުވަހު ޓިއުޝަނަށް ދަރިވަރުން ގެންގޮސް، ދަރިވަރުންނާ ނުގުޅޭ ވީޑިއޯ ދެއްކިކަމަށް ވީޑިއޯގައި ވާހަކަދައްކާ ބައެއް މީހުން ބުނެއެވެ.

އެ ޓީޗަރުގެ ގައިގައި އާންމުންގެ ބަޔަކު ތަޅައި އަނިޔާކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި އަނިޔާކުރުމުން އެ ޓީޗަރު ރޯ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާކަމަށް މިރޭ 10:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބިފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ފިރިހެން މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުންކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ބެލެވޭގޮތުގައި އާންމުންގެ ބަޔަކު އެ ޓީޗަރަށް އަނިޔާކުރީ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް ނޭޅުމުންނެވެ.

އަމިއްލައަށް ގާނޫނު ތަންފީޒު ކުރުމުގެ ނަމުގައި މީހުންނަށް އަނިޔާ ނުކުރުމަށް މީގެކުރިން ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓިއުޝަން ދޭންކަމަށް ބުނެ ސްކޫލު ކުއްޖަކު ގެއަކަށް ގެންގޮސް އެ ކުއްޖާއަށް ޓީޗަރު ބަދުއަޚްލާގީ ވީޑިއޯއެއް ދެއްކި މައްސަލަ މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ހަމަ އެދުވަހު އެ ޓީޗަރު ސްކޫލަށް ހާޒިރުނުވެވޭގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"އެ ޓީޗަރު ސަސްޕެންޑުކުރުމަށްފަހު މިނިސްޓްރީގެ ފަރާތުން ވާނީ މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް