އާރަށު މައްސަލަ: ތިން ފޯނު ތަހްލީލް ކުރި މީހާގެ ހެކިބަސް ނަގައިފި

އާރަށު މައްސަލައިގައި ދައުލަތުން މިއަދު ހުށަހެޅި ހެކިވެރިޔާ: އޭނާ ވަނީ ތިން ފޯނު ތަހްލީލް ކޮށްފައި ---

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން މައުލޫމާތު އެއްކުރި ތިން އައި ފޯނު ތަހްލީލް ކުރި މީހާގެ ހެކިބަސް ނަގައިފިއެވެ.

އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ދައުލަތުން މިއަދު ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ތިން ފޯނެއްގައި ހުރި ޑޭޓާތަކެއް އެއްކުރި އިނގިރޭސިވިލާތުގެ ރައްޔިތެއްގެއެވެ.

އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގައި ހުރެ ހެކިބަސް ދެމުން އޭނާ ބުނީ, އެ ތިން ފޯނު އޭނާ މަސައްކަތްކުރާ އެތީނާ އިންޓެލިޖެންސްއާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

ޑިޖިޓަލް ފޮރެންސިކް އެގްޒަމައިނަރެއްގެ ގޮތުގައި 19 އަހަރު މަސައްކަތްކޮށްފައިވާ އެ މީހާއާ ހަވާލުކުރި ތިން ފޯނުގެ ވެރިންނަކީ ކޮންބައެއްކަން ނޭނގޭ ކަމަށް ބުންޏެވެ. އަދި އެ ތިން ފޯނުގެ ތެރެއިން ޑޭޓާ އެއްކުރެވިފައިވަނީ ދެ ފޯނުންނެވެ. އަނެއް ފޯނު ޑިފޯލްޓް ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސައިމަން އެޓްކިންސަން ކިޔާ ބަޔަކު ހަވާލުކުރި އެޕަލް ބްރޭންޑް ތިން ފޯނުން އެއްކުރި މައުލޫމާތު އޭރު އެ ފަރާތަށް ހިއްސާކުރި ނަމަވެސް ފުލުހުންނަށް ކޮޕީ ލިޔުންތައް ފޮނުވާފައިވަނީ އޭގެ ހަ އަހަރު ފަހުން ކަމަށެވެ.

ފޯނުން ޑޭޓާތައް އެއްކުރަން ފެށުމުގެ ކުރިން އެ ފޯނުތަކުގެ ވެރިފަރާތުގެ ހުއްދަ ހޯދިކަން ކަށަވަރުކުރި ކަމަށް އޭނާ ބުންޏެވެ. އަދި އެއް ދުވަސް ތެރޭގައި ދެ ފޯނުގެ ޑޭޓާތައް އެއްކެރެވުނު ކަމަށް ވެސް ބުންޏެވެ.

ދެ ފޯނުގެ ތެރެއިން އެއް ފޯނުން ޓެކްސްޓް މެސެޖުތަކެއް އެއްކުރެވުނު ކަމަށް އޭނާ ކިޔައިދިނެވެ. އެ މެސެޖުތަކުގައި އާރަށާ ގުޅޭ އެއްވެސް ވާހަކައެއް ހުރިތޯ ދިފާއުން ސުވާލު ކުރުމުން ދައުލަތުން ވަނީ އެކަން ހުއްޓުވާފައެވެ. އަދި ވިދާޅުވީ, މިއަދު ހާޒިރުކުރި ހެކިވެރިއަކީ ޑާޓާ އެނަލައިޒް ކުރި ފަރާތް ނޫން ކަމަށެވެ. ޝަރީއަތުން ވެސް ވަނީ ދައުލަތުގެ އިއުތިރާޒް ބަލައިގަނެ އެ ފޯނުތަކުން ފެނުނު ލިޔެކިޔުންތަކާ ގުޅޭ ގޮތުން ސުވާލު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް