އެއްޖިންސުން ގުޅުން ހިންގުން ބޮޑު ކުށަކަށް ހަދަން ގާސިމްގެ ހެޔޮ ނިޔަތެއް ނެތް: ޑރ. ޖަމީލު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަޙުމަދު --- ސަން ފޮޓޯ/ ފަަޔާޒު މޫސާ

އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހަށް ހުށަހެޅީ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ލިވާތު ކުރުމާއި ސިހާގު ނުވަތަ އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ގާސިމް ވަނީ ހުށަހަޅުއްވާފައެވެ.

ގާސިމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރާ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި, އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ހުތުރު ފާހިޝް އަމަލުތައްކަމުގައިވާ ލިވާތު އަދި ސިހާގުގެ ކުށް ހިމަނަން ޖެހޭ ކަމަށެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލު ކުރާ ފަރާތްތައް ތަހުގީގީ މަރުހަލާއަށްފަހު ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިންވެސް އެ ނުރައްކާތެރި ވަހުޝީ އަމަލު އެހެން ބަޔަކާއެކު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް ހުށަހެޅުއްވި އެ އިސްލާހާ ގުޅިގެން ޑރ. ޖަމީލު މިއަދު "ސަން"އަށް ވިދާޅުވީ ގާސިމް ހުށަހެޅުއްވި އިސްލާހުގެ ފަހަތުގައި ހެޔޮ ނިޔަތެއް ވާނަމަ އޭނާ މިހާރު ސަރުކާރަށް ވާގިވެރި ނުވާނެ ކަމަށެވެ.

މީގެ ކުރިން ވެސް ދީނާ ޚިލާފު ކިތަންމެ ކަމެއް ހިނގާފައިވާ ކަމަށާއި ސަރުކާރުން އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނާޅައި ދީނާއި ޚިލާފު ކަންކަމަށް ވާގިވެރިވަމުން އެންމެ ކުރިންސުރެ އައިއިރު ވެސް އެކަމާ ގުޅިގެން އެއްޗެކޭ ނުބުނާއިރު މިހާރު ގާސިމް އެ އިސްލާހު ހުށަހެޅުއްވުމުގައި އެއްވެސް ކަހަލަ ތެދު ނިޔަތެއް ނުވާ ކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިތައް ކަންތައް މިހާރު ގޮއްސި އެގޮތަށް މި ސަރުކާރު އައި ފަހުން. އޭރު އެއްޗެކޭ ނުބުނެވުން. އެހެންވީމަ މިހާރު ބުނީމަ އެކަމުގެ ފަހަތުގައި ގާސިމްގެ މަގުސަދު ސާފުވޭ. އެއީ އެބޭފުޅުންގެ ގަވަމެންޓް. އެހެންވީމަ ޗޮއިސް އޮންނާނެ ސަރުކާރުގެ ތެރެއިން މިކަހަލަ ކަންކަން ވާނަމަ ސަރުކާރާ ދުރުވުމުގެ،" ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ ގާސިމް ހުށަހެޅުއްވި އިސްލާހަކީ ސިޔާސީ ގޮތުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ކުރެއްވި ކަމަށެވެ. ރަނގަޅު ނިޔަތެއް ނެތް ނަމަވެސް އެއީ ގާސިމް ރައްޔިތުންނަށް ދައްކަވަން ބޭނުންވާ މަންޒަރެއްގެ ގޮތުގައި އޭނާ މަޖިިލީހަށް ހުށަހެޅުއްވި އިސްލާހު ޑރ. ޖަމީލު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ދީނާ ޚިލާފު ކަންކަމާ ދެކޮޅަށް ކަމެއް ކުރާނަމަ މިހާރު ގާސިމް ސަރުކާރު ހިއްސާވާ ކޯލިޝަންގެ ހިއްސާއަކަށް ވެގެން ނުހުންނަވާނެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

ގާސިމް ހުށަހެޅުއްވި އިސްލާހާ ގުޅިގެން ޑރ. ޖަމީލުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު، މަޖިލީހަށް ގާސިމް އެ އިސްލާހު ހުށަހެޅުއްވީ ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވި ފަހުންނެވެ.

އެގޮތުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އޭނާ ހިމެނޭ ގޮތަށް ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

އޭގެ ތެރެއިން އަލަމްގީރު އަދިވެސް ހައްޔަރުކޮށްފައި ހުރި އިރު އެ މައްސަލައިގައި ދެން ދައުވާ ކުރި ތިން މީހުން ހައްޔަރުކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން، ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ކަމަށް ބެލެވޭ މީހަކާއި އިތުރު އަންހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވާތީ ފުލުހުން ދަނީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް