މީޑިއާނެޓު އޮފީހަށް ވަދެ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

އޯކިޑް މަގުގައި ހުރި މީޑިއާ ނެޓް އިމާރާތް ކައިރިއަށް މީހުން އެއްވެފައި: އެތަނުގެ ތެރެއަށް ބަޔަކު ވަދެ މިދިޔަ ބުރަސްފަތި ދުވަހު ވަނީ މާރާމާރީ ހިންގާފައި --- ސަން ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޯކިޑު މަގުގައި ހުންނަ މީޑިއާނެޓުގެ އޮފީހަށް ބަޔަކު ވަދެ ހިންގި މަރާމާރީއާ ގުޅިގެން ދެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 19 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ މީހެއްކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 19 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

"އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ ނެޓުގެ އޮފީހަށް ވަދެ މާރާމާރީ ހިންގީ މޫނު ނިވާކޮށްގެންތިބި ބައެކެވެ. އެ މާރާމާރީގައި އެކަކަށް އަނިޔަވެ ހޮސްޕިޓަލުގައި ފަރުވާދިނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވެސް މަލޭގައި މާރާމާރީ އެއް ހިންގިއެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެމައްސަލަ ވެސް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް މާލޭގައި ވަނީ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަޚަމް ކޮށްލާފައެވެ. މަންޒަރު ދުށް މީހުން ބުނީ އެ މާރާމާރީ ހިންގީ ދަގަނޑާއި ދަނޑި ބުރިތައް ބޭނުންކޮށްގެން ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ޒުވާނަކު ބުދަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މާލޭގައި މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދެ ޒުވާނުންނާއި 27 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނެކެވެ.

އެ ހަތަރު ޒުވާނުން ހައްޔަރު ކޮށްފައިވަނީ ދެ ސައިކަލެއްގައި ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހުންގެ އަތުގައި ހުރި ދަގަނޑުބުރިތަކެއް މަގުމައްޗަށް އުކާލި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް