ހިންމަފުށީގެ ހަމަނުޖެހުމަކީ އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމެއް: ޖީއޭއެމް

ހިންމަފުއްޓަށް ޗުއްޓީ ހޭއްދަ ކުރަން އައިސް އުޅުން ފަތުރުވެރިންތަކެއް ފެރީއަކަށް އަރަނީ: ހިންމަފުއްޓަކީ ގެސްޓް ހައުސް ވިޔަފާރީގައި މަޝްހޫރު ރަށެއް--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކ. ހިންމަފުށީގައި ފަތުރުވެރިން ތިބި ގެސްޓް ހައުސް އަކަށް ވަދެ، ތަކެއްޗަށް ގެއްލުންދީ އެރަށުގައި ހަމަނުޖެހުން ހިންގުމަކީ ރާއްޖޭގެ މުޅި ފަތުވެރިކަމުގެ ސިނާއަތް ކަންބޮޑުވާ ކަމެއް ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބުނެފިއެވެ.

ހިންމަފުށީ ގެސްޓް ހައުސްއަކަށް އިއްޔެ ހަވީރު މީހަކު ވަދެ ވަނީ އެތަނުގެ ތަކެއްޗަށް ގެއްލުންދީފައެވެ. އެ ހަމަނުޖެހުންތައް ހިންގީ އެ ގެސްޓްހައުސްގައި ޓޫރިސްޓުން ވެސް ތިއްބައެވެ.

ގެސްޓް ހައުސް އެސޯސިއޭޝަންގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ފަތުރުވެރިން ތިބި ވަގުތެއްގައި އެފަދަ އަމަލުތަކެއް ހިންގުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އޭގެ ސަބަބުން ބޭރުގެ މީޑިއާތަކުގައި ވެސް ރާއްޖެއާ ގުޅޭގޮތުން ނޭދެވޭ ވާހަކަތައް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ބޭރުގެ މީޑިއާތަކުގައި އެވާހަތައް ދައުރުވެއްޖެނަމަ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި މިއީ ފަތުރުވެރިން ރާއްޖެ އަންނަން ޖެހިލުން ވެދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަށް އެންމެ ކަމުދާ އެއް ކަމަކީ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގެ އިތުރުން މި ގައުމުގެ އަމާންކަމަށް ވީހިނދު، ގެސްޓްހައުސެއްގައި އެފަދަ އަމަލެއް ހިންގުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އެ މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ގެސްޓް ހައުސްއަށް މީހަކު ވަދެ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގެ އިތުރުން ރޭ ދަންވަރުގެ އެ ރަށު ތެރޭގައި ވެސް ހަމަނުޖެހުން ހިންގާފައިވާ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ އުމުރުން 20، އަހަރާއި 27، އަހަރާއި 29، އަހަރާ އަދި 37 އަހަރުގެ މީހުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ ދެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް