ރިސޯޓް މުވައްޒަފުންނަށް ވައުދުވީ ޚިޔާލީ ދުނިޔެއެއްގައި ތިބެ: ޑރ. ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި ސަރުކާރުން ވައުދުތައްވީ ޚިޔަލީ ދުނިޔެއެއްގައި ތިބެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑިއުޓީ ގަޑި ނިމުމުން މިހާރު ރަށަށް ދެވޭ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ޑރ. ޖަމީލު "ސަން"އަށް ރޭ ވިދާޅުވީ އެމްޑީޕީއަކީ ވައުދު ފުއްދުމުގެ ނިޔަތުގައި ވައުދުވާ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އޭރަކު ހާސިލު ކުރަން ބޭނުންވާ ކަމަކާ ގުޅުވައިގެން ވައުދުވާ ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

"ރިސޯޓު މުވައްޒަފުންނަަށް ވި ވައުދަކީވެސް ވަކި އެކަން ކޮށްދިނުމުގެ ބޭނުމުގަ ވި ވައުދެއް ނޫން. އެމީހުންނަށް ހީވަނީ މިހާރުވެސް އެމީހުން ދައްކާ ވާހަކަ ރައްޔިތުން އަޑު އަހާނެއޭ. ނަމަވެސް ރައްޔިތުންނަށް މިހާރު އެމްޑީޕީ އެނގޭ. މިހާރު އެމްޑީޕީ ދައްކާހާ ވާހަކައެއް ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ،" ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ނަމެއްގައި ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީން މާނަ ކުރާ ޑިމޮކްރަސީން ރާއްޖެއަށް ލިބުނީ ހަމައެކަނި ގެއްލުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ސަބަބުން ނޭދެވޭ އަސަރުތައް ކޮށްފި ކަމަށާއި ހާއްސަ ގޮތެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލަށް ހުށަހެޅިއްޖެ ކަމަށް ޑރ. ޖަމީލް ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެއްވެސް ހާލެއްގައި އެމްޑީޕީ ހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބަކަށް ބެލިނަމަވެސް އެކަން ސާފުވާނެކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ގައުމު މިއޮތީ މުޅިން ފުނޑިފަ. ކޮންމެ ދާއިރާއަކުންވެސް ދެނީ ހަމަ އެ މެސެޖު. ދަރަނީގެ ގޮތުން ބެލިނަމަވެސް، ނުވިހާ ކޮންމެ ކުއްޖެއްގެ ވޮލެޓަށްވެސް ދެ ލައްކައެއްހާ ރުފިޔާ އެބަދޭ ދަރަނީގެ ގޮތުގަ. އަނެއްކާ ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ބެލިޔަސް ހާލަތު އޮތީ ހަަމަ މިހެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ގައުމު ހިންގާނެ ވަރުގެ ގާބިލިއްޔަތު ކަމެއް ހުރި މީހަކު އެމްޑީޕީގައި މިހާރު ނެތް ކަމަށާއި ދުރު މުސްތަގުބަލަކަށް ވިސްނާއިރު ވެސް އެކަހަލަ މީހަކު އެ ޕާޓީ ތެރޭގައި ނެތް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

ރިސޯޓު މުވައްޒަފުންނަށް ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހެދުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އެމްޑީޕީން 2020 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރިއެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ އިސްލާހު ތަސްދީގުކުރެއްވިއެވެ.

ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން އަންނަނީ ޑިއުޓީ ނިންމުމަށް ފަހު ރަށަށް ނުދެވޭ ކަމުގެ ކަންބޮވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް