ހިއަ ވީ ގޯ: ރެއާލްގެ ކަސެމީރޯ ޔުނައިޓެޑަށް

ކަސެމީރޯ---

ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވާން ތައްޔާރުވެއްޖެކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ފުޓުބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ މިއަދު ބުނީ ރެއާލުން ކަސެމީރޯ ވިއްކާލަން ތައްޔާރަށް އޮތްކަމަށެވެ. އަދި ދެ ޓީމުން ރަސްމީ އެއްބަސްވުމުގެ ކަންކަން ކުރާކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

މީގެ އިތުރުން ފަބްރީޒިއޯ ބުނީ ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވާނީ 60 މިލިއަން ޔޫރޯގެ އަގަކަށްކަމަށެވެ. އަދި އޭނާ ޔުނައިޓެޑުގައި 2027އާ ހަމައަށް މަޑުކުރާނެކަމަށް ވެސް އޭނާ ބުންޏެވެ.

ކަސެމީރޯގެ އިނގިރޭސި ވިސާ ހަމަޖެއްސުމުގެ ކަންކަން މިހާރު ވެސް ކުރާކަމަށާއި، މި ހަފުތާ ބަންދުގައި ވިސާ ހަމަޖެހި މެޑިކަލް ޓެސްޓު ކުރިއަށް ގެންދާނެކަމަށް ފަބްރީޒިއޯ ބުނެއެވެ.

ކަސެމީރޯ ރެއާލްގައި ހޭދަކުރި އަށް ސީޒަނުގައި އޭނާ ވަނީ 14 ތަށްޓެއް އެ ޓީމާއެކު އުފުލާލައިފައެވެ. ޖެހިޖެހިގެން ތިން އަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގު ހޯދައިދުނުމުގެ އެއް މޭސްތިރިއަކީ ވެސް ކަސެމީރޯއެވެ. އޭނާ ވަނީ ރެއާލްއާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

އުމުރުން 30 އަހަރުގެ ކަސެމީރޯ ވަނީ ރެއާލްއަށް 221 މެޗު ކުޅެދީ 24 ގޯލު ޖަހައިދީފައެވެ. ބްރެޒިލް ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ކަސެމީރޯ އެ ޓީމަށް ކުޅެދީފައިވާ 65 މެޗުގައި އޭނާ ވަނީ ފަސް ގޯލު ޖަހައިފައެވެ.

comment ކޮމެންޓް