ކޮންގްރެސްއަށް ފަހު ރިޔާސީ ޕްރައިމަރީއެއް ބާއްވާނެ: އެމްޑީޕީ

އެމްޑީޕީން މިރޭ ފަށާ އެ ޕާޓީގެ ކޮންގްރެސްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ މީހަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ވަރަށް އަވަހަށް އޮންނާނެ ކަމަށް އެ ޕާޓިން ބުނެފިއެވެ.

މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ މައުލޫމާތު ދިނުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން މާލީ, އަހްމަދު އަބްދުالله ވިދާޅުވީ ރިޔާސީ ޓިކެޓާ ގުޅޭ އެއްވެސް އިސްލާހެއް ކޮންގްރެސްއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ޕްރައިމަރީއެއް ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އޮންނާނެ ކޮންގްރެސްއަށް ފަހުގައި. ޕްރައިމަރީން ޓިކެޓް އަޅުގަނޑުމެން މި ދެނީ. މި ކޮންގްރެސްގައި ޓިކެޓް ދިނުމުގެ އެއްވެސް އިސްލާހެއް ވިސްނުމެއް އަދި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައެއް ނެތް," އަހްމަދު އަބްދުالله ވިދާޅުވިއެވެ.

އެމްޑީޕީން ރިޔާސީ ޓިކެޓް ދޭނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތަށްކަން ފާހަގަކުރައްވައި އަހްމަދު އަބްދުالله ވިދާޅުވީ, ރައިސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް އޮޓޮމެޓިކުން ރިޔާސީ ޓިކެޓް ދޭން ބުނާ އިސްލާހެއް ވެސް އަދި ހުށަހަޅާފައި ނެތް ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅަކު އަދި މިހާތަނަށް ނިންމާފައި ނުވާއިރު, އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އެމްޑީޕީން މިރޭ ފަށާ އެ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ 1365 މީހުން ތިބި ނަމަވެސް ރެޖިސްޓްރީ ވެފައިވަނީ 1178 މީހުންނެވެ.

comment ކޮމެންޓް