ރޭ ހިންގި މާރާމާރީއާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފި

ރޭ ފިލިގަސް މަގުގައި ހިންގި މާރާމާރީގެ ތެރެއިން

ފިލިގަސް މަގުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ތިން މީޙުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ރޭ 22:30 ހާއިރު ފިލިގަސް މަގުގައި މާރާމާރީއެއް ހިނގާފައިވާކަމުގެ ރިޕޯޓު ޕޮލިހަށް ލިބިފައިވާކަމަށެވެ.

"ފުލުހުން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ،" ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މިމައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

މިއީ އިއްޔެ މާލޭގައި ހިންގި ދެވަނަ މާރާމާރީއެވެ. އިއްޔެ ހަވީރު އޯކިޑު މަގުގައި ހުންނަ މީޑިއާ ނެޓުގެ އޮފީހަށް ވަދެގަނެ ބަޔަކުވަނީ މާރާމާރީ ހިންގާފައެވެ.

އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި ވަނީ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަޚަމް ކޮށްލާފައެވެ. މަންޒަރުދުށް މީހުން ބުނީ އެ މާރާމާރީ ހިންގީ ދަގަނޑާއި ދަނޑި ބުރިތައް ބޭނުންކޮށްގެން ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ޒުވާނަކު ބުދަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މާލޭގައި މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދެ ޒުވާނުންނާއި 27 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނެކެވެ.

އެ ހަތަރު ޒުވާނުން ހައްޔަރު ކޮށްފައިވަނީ ދެ ސައިކަލެއްގައި ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހުންގެ އަތުގައި ހުރި ދަގަނޑުބުރިތަކެއް މަގުމައްޗަށް އުކާލި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް