ނިޒާމީ ވާހަކަތަކަށް ރައީސް ވަދެވަޑައިނުގަންނަވަން ނަޝީދު އެދިވަޑައިގެންފި

މުހައްމަދު ނަޝީދު އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ: -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވެރިކަމުގެ ނިޒާމާ ގުޅޭ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަދެވަޑައިނުގަތުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިފަދަ ނިޒަމީ ވާހަކަތަކުގެ ތެރެއަށް ރައީސް ވަދެވަޑައިގަތުމަކީ ވަރަށް ހިތާމަހުރިކަމެއްކަމަށާއި އެއީ އެމަނިކުފާނާ ބެހޭ ވެސް ކަމެއްނޫންކަމަށެވެ.

"މުށްބާރުކޮށް ނުވަތަ މި ބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަންނަވާކަށް އެއްގޮތަކަށް ވެސް ޖެހިވަޑައެއްނުގަންނަވާ. މިއީ އެއްގޮތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ވެސް ވާހަކައެއް ނޫން ހަގީގަތުގައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގައުމުތަކުގައި އެތައް ސަބަބަކާހުރެ ފެންނަ ނުފެންނަ ވޯޓު ނަގާކަމަށެވެ.

"ތަންތަނުގެ ވިސްނޭ ވެރިން އެބާވަތުގެ ވޯޓުގެ ތެރެއަކަށް ނުވަދޭ. މޮޅުވާ ކޮޅަކަށް ދާނެ. ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައެއް ނުގަންނަވާ ކޮންކޮޅެއްގައިތޯ އެބޭފުޅާ ހުންނެވީ ވިދާޅުވާކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޞާލިހް ބަރުލަމާނީ ނިޒާމާ ދެކޮޅު ހެއްދެވިޔަސް އެ ނިޒާމު ރާއްޖެއަށް ގެނައުމަށް ތާއީދު ހޯދުމަށް ދައްކަވާ ވާހަކަފުޅުތައް ހުއްޓަވައި ނުލައްވާނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ. އަދި އެގޮތަށް ފާސްވެއްޖެނަމަ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އިސްލާހު ހުށަހެޅުމަށް އެ ގަރާރުގައި ހިމަނާފައިވެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޞާލިހު ވިދާޅުވީ, ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އެފަދަ ވޯޓެއް ނަގައި ނިޒާމް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި އެ ގަރާރު އަނބުރާ ނެންގެވުމަށް ވެސް ރައީސް ޞާލިހު ވަނީ އެދިވަޑައިގަންނަވާފައެވެ.

އެމަނިކުފާނު އަމިއްލަ ގޮތުން ގަބޫލު ކުރައްވަނީ މިހާރު މި އޮތް ގޮތަށް ރިޔާސީ ނިޒާމުގެ ވެރިކަމެއް ބާއްވަންކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ, ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ރައީސަކު ސަރުކާރު ހިންގުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

comment ކޮމެންޓް