ފޮޓޯ: އެޕެއިންކް.އޯގް

ދޮގު ހެކި ދިނުމަކީ ކަމުގެ ހަގީގަތް ފޮރުވާލައި، ބާތިލު އެއީ ހައްގު ކަމުގައި ހެދުމެވެ. ނުވަތަ އެކަމަކާ ބެހޭގޮތުން ތިމާއަށް ހެކި ލިބިފައިވި ކަންތަކުގެ ހަގީގަތް އޮޅުވާލައި ދޮގު ހަދައިގެން ހެކިބަސް ދިނުމެވެ. ދޮގު ހެކި ދިނުމަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ބޮޑު ފާފައެކެވެ.

ނިސާ ސޫރަތުގެ 135 ވަނަ އާޔަތުގައި ﷲ އަންގަވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނީ އަދުލު އިންސާފު ގާއިމު ކުރުމުގައި ދެމިތިބޭ (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކުކަމުގައިވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސު ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސްމެއެވެ. އެމީހަކީ، (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކުކަމުގައި، ނުވަތަ ފަގީރަކު ކަމުގައި ވިޔަސް، ފަހެ، އެ ދެމީހުންނަށްމެ، ﷲ އައުލާކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިކަން ދޫކޮށް، އަމިއްލަ އެދުމަށް ތަބާނުވާށެވެ! އަދި ތިޔަބައިމީހުން، ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ، (ދަންނާށެވެ!) ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

އިސްވެދިޔަ އާޔަތުގައި މުޚާތަބު އައިސްފައިވަނީ އީމާންވީ މީހުންނަށެވެ. ވީމާ، ﷲ އަށް އީމާންވާ މީހަކުނަމަ، އާޔަތުގައިވާ އަމުރުފުޅުތަކަށް ކިޔަމަންތެރިވުން ވާޖިބުވާނެއެވެ. އާޔަތުގައި އެންމެ ފުރަތަމަ އަންގަވާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގައި ދެމި ތިބުމަށެވެ. އަދި ހެކި ބަސް ދޭންޖެހޭނީ ﷲ އަށްޓަކައި ކަމުގައި އަންގަވާފައިވެއެވެ. ވީމާ، ހެކިބަސް ދިނުމުގެ މަގުސަދަކީ ދުނިޔެވީގޮތުން ލިބެން އޮތް ފައިދާއެއް ހާސިލުކުރުން ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއީ ކޮންމެފަދަ މީހަކާ ބެހޭގޮތުން ދެވޭ ހެކިބަހެއް ނަމަވެސް، އެ ހެކި ބަހެއް ދޭއިރު، މިބުނި ދެކަންތައް ހަނދާނުގައި ބަހައްޓަންޖެހޭނެކަން އާޔަތުން އެނގެއެވެ. އާޔަތް ފައްޓަވަމުން، އަދުލުވެރިވުމަށް އަންގަވާފައިވާ ބަސްފުޅު، އާޔަތުގެ ފަހު ބައިގައި އިތުރަށް ތައުކީދު ކުރައްވާފައިވެއެވެ. އެގޮތުން، އަދުލުވެރިކަން ދޫކޮށް އަމިއްލަ އެދުމަށް ތަބާނުވުމަށް އަންގަވާފައިވެއެވެ. ހެކިބަސް ބަދަލު ނުކުރުމަށާއި، ހެކިބަސް އަދާކުރުމުން އެއްކިބާ ނުވުމަށްވެސް އެވަނީ އަމުރުކުރައްވާފައެވެ. އާޔަތް ނިންމަވާލައްވާފައި ވަނީ ވަރުގަދަ އިންޒާރަކުންނެވެ. އެއީ އަހަރެމެން ބޭނުން ކޮންމެ ގޮތަކަށް އަމަލުކުރުމުގެ މިނިވަންކަން އޮތަސް، އަހަރެމެންގެ އަމަލުތައް ﷲ ބައްލަވާވޮޑިގަންނަވާނެކަމުގެ އިންޒާރެވެ.

މާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُواْ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُواْ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށްޓަކައި އެކަލާނގެ ހައްގުތައް ފުރިހަމައަށް ގާއިމުކުރާ، އަދި އަދުލަށް ހެކިދޭ ބަޔަކުކަމުގައިވާށެވެ! އަދި ބަޔަކުމީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ!"

ތިމާ އެމީހަކު ދެކެ ރުޅިއަރާ މީހަކާ ބެހޭގޮތުން ހެކި ބަހެއް ދޭންޖެހިއްޖެނަމަ، އޭނާއަށް ދެރަވާގޮތަށް ވާހަކަ ދެއްކުން އެކަށީގެންވެއެވެ. ވީމާ އެއީ އެފަދަ ގޮތަކަށް އަމަލުކޮށްފާނެކަމުގެ އެންމެ ބޮޑު އިޙްތިމާލެއް އޮތް ވަގުތު ކަމަށްވާތީ، އެފަދަ ހާލަތުގައިވެސް އަދުލުވެރިކަމާއެކު، ތެދު ބަހުން ހެކިބަސް ދިނުމަށް އެވަނީ އަންގަވާފައެވެ. މީގެ އިތުރުންވެސް، ފުރުޤާނު ސޫރަތުގެ 71 ވަނަ އާޔަތާއި، ޙައްޖު ސޫރަތުގެ 3 ވަނަ އާޔަތުގައިވެސް ދޮގު ހެކި ދިނުމާ ދުރުހެލިވުމަށް އަންގަވާފައިވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ. "އެއްމެބޮޑެތި ފާފައިގެ ތެރެއިންވާ ކަންތައްތަކުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ޚަބަރު ދެއްވަންހެއްޔެވެ؟ ތިމަންމެން (އެބަހީ: އަޞްޙާބުން) ދެންނެވީމެވެ. އާދޭހެވެ. ﷲ ގެ ރަސޫލާއެވެ. އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. (އެއީ) ﷲ އަށް ޝަރީކު ކުރުމާއި މައިންބަފައިންނަށް އުރެދުމެވެ. (މިހެން ވިދާޅުވި އިރު) އިތުރު އެކަލޭގެފާނު ލެނގިވަޑައިގެން އިންނަވާފައި ރަނގަޅަށް ހަމަޖެހި އިށީނދެވަޑައިގެން ހަދީސް ކުރެއްވިއެވެ. ދޮގު ބަހާއި ދޮގު ހެކި ދަންނާށެވެ! ދޮގު ބަހާއި ދޮގު ހެކި ދަންނާށެވެ! ތިމަންމެން އިތުރު އެކަލޭގެފާނު (އެ ބަސްފުޅު) ހުއްޓައެއް ނުލައްވާނެޔޭ ހިތައިފުމަށް ދާންދެން (އެފަދައިން) ތަކުރާރު ކުރައްވަމުން ގެންދެވިއެވެ."(ބުޚާރީ އާއި މުސްލިމް)

ދޮގު ހެކި ދިނުން ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނިފައި ވަނީ އެކަމުގައި އެކުލެވިގެންވާ ގެއްލުމާއި ނުބައިކަމުގެ ބޮޑުކަމުންނެވެ. މީހަކު ދޮގު ހެކި ދިނުމުގެ ނަތީޖާއަކަށްވަނީ އެކަމުގެ ސަބަބުން އިތުރު ގެއްލުންތަކެއް އުފަންވުމެވެ. އަދި މިފަދަ ގެއްލުންތަކަކީ ވަކިވަކި ފަރުދުންނަށާއި މުޅި މުޖުތަމައަށްވެސް އޭގެ އަސަރުކުރާ ކަންތައްތައްކަމުގައި ވެދެއެވެ.

ދޮގު ހެކި ދިނުމަކީ އެމީހެއްގެ މައްޗަށް ހެކި ދެވޭ މީހާއަށް އަނިޔާވެރި ވެވޭ ކަމެކެވެ. (ހެއްކާއެކު) ދެފަރާތުގެ ވާހަކަތަކަށް ބައްލަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުކުމް ކުރައްވާ ކަމަށް ހަދީސް ކުރެއްވިއެވެ. އަދި މިފަދައިން އިންޒާރު ކުރައްވައި ހަދީސް ކުރެއްވިއެވެ. "..... (އެ ހައްގުނުވާހިނދު) ދޮގު ހަދައިގެން ތިމާގެ އަޚާގެ ހައްގެއް ލިބިގަންނަ މީހާ، (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެމީހާއަށް ކަނޑުއްވާފައި މި ދެއްވަނީ ނަރަކައިން ބައެކެވެ. ފަހެ، އޭގައި ނުހިފާހުށިކަމެވެ."(ބުޚާރީ އާއި މުސްލިމް)

އެކިއެކި ޖަރީމާތައް ހިންގާ މީހުން، ދޮގު ހެކީގެ ސަބަބުން އެ ޖަރީމާގެ އުގޫބާތުން ސަލާމަތްވެއެވެ. އަދި މިއީ މުޖުތަމައުގައި އެކިކަހަލަ ކުށްތައް އާއްމުވުމަށް މަގުފަހިގެންދާ ކަމެކެވެ. އެހެނީ ކުށްކުރާ މީހުން އެބައިމީހުންގެ ކުށަށް ލިބެންޖެހޭ އުގޫބާތުން ސަލާމަތްވެވޭނެ މަގެއްގެގޮތުގައި ދޮގު ހެކި ދިނުން ހެދުމުން، ކުށްކުރުމާމެދު އޮންނަ ޖެހިލުންވުން ނެތިގެންދެއެވެ.

ދޮގު ހެކި ދިނުމަކީ ވަރަށް ބިރު ހުރި ނުރައްކާތެރި ކަމެކެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވެއެވެ. "މީހަކު އޭނާ ކުރި (ދޮގު) ހުވާއެއްގެ ސަބަބުން މުސްލިމެއްގެ ހައްގެއް ލިބިގެންފިމީހާ، ހަމަކަށަވަރުން، ﷲ އޭނާއަށް ނަރަކަ ވާޖިބު ކުރައްވައި ސުވަރުގެ ޙަރާމް ކުރައްވައިފިއެވެ." އެވަގުތު މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ކިތަންމެ ކުޑަ އެއްޗެއްކަމުގައިވިޔަސްތޯއެވެ؟" އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. "އަދި އެއީ އަރާކު ގަހުގެ ދަނޑިކޮޅެއްކަމުގައި ވިޔަސްމެއެވެ."(މުސްލިމް)

ގުޅޭ ޓެގު
comment ކޮމެންޓް