ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ރޭ ފަށަން ތައްޔާރުވަމުން އަންނަ އެމްޑީޕީގެ ކޮންގްރެސް، ފަސް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް އެދި ހުށަހެޅީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށް އާޒިމް ފޮނުއްވި ސިޓީގައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށާއި ކޮންގްރެސްގެ ކޮމްޕޮސިޝަން އެކުލަވާލާފައިވާ ގޮތުން ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ވޯޓިން ޑެލިގޭޓުންގެ ގޮތުގައި ތަމްސީލް ކުރެވޭނެ ކަމަށެވެ.

ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ ގޮފި ގަވާއިދުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލަތުގެ ތެރެއިން އިންތިޚާބެއް ބޭއްވުމަށްފަހު ކަމަށް އާޒިމްގެ ސިޓީގައިވެއެވެ. އަދި ކޮންގްރެސްގައި ގޮފި ތަމްސީލްކުރާ ރައީސް ނުވަތަ ނައިބު ރައީސް ވާންޖެހޭނީ އިންތިޚާބު ވެފައިވާ މީހަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ކަންއެހެން އޮތްއިރު މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްގައި ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގަވާއިދާ އެއްގޮތަށް އިންތިޚާބުވެފައިވާ ބައެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ މީހުންގެ މައުލޫމާތު މިހާތަނަށް އާންމު ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ބަޔަކަށް ވޯޓު ދިނުމުގެ ބާރު ދީގެން ބާއްވާ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތް ކަން އާޒިމް ފާހަގަކުރެެއްވިއެވެ.

"ކޮންގްރެސްއަށް ނޮމިނޭޓް ކޮށްފައިވާ ގޮފިތަައް ތަމްސީލުކުރާ މަންދޫބުންގެ ޤާނޫނީ ހައިސިއްޔަތާމެދު އެމްޑީޕީގެ ގިނަ މެންބަރުންގެ މެދުގައި ކަންބޮޑުވުން ފާޅު ކުރަމުުންދާތީ، ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން، ނުވަތަ ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަަށަވަރު ކުރުމަށް ފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އެދެމެވެ،" އާޒިމްގެ ސިޓީގައިވެއެވެ.

އާޒިމްގެ ސިޓީއާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ މައްސަލަތަކެއް ހުށަހެޅިފައި އެބަހުރިކަން ފާހަގަ ކުރައްވައި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށާއި އެހެންކަމުން މާދަމާ ފަށާ އެ ޕާޓީގެ ކޮންގްރެސް ފަސްކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މާދަމާ ރޭ ފަށަން ތައްޔާރުވަމުން އަންނަ އެމްޑީޕީ ކޮންގްރެސްއަށް ރައީސް ނަަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގަރާރެއް ހުށަހަޅުއްވަން ނިންމަވާފައެވެ.

ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމުގެ ހުވަފެންތައް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދެކެލައްވާ ބޭފުޅެކެވެ.

މީގެ ކުރިން އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން ބޭނުންފުޅުވާކަން އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ބޭނުންފުޅުވާކަން ރައީސަށް ދަންނަވާފައެވެ. އަދި ބޮޑުވަޒީރަކަށް ވާން ތައްޔާރަށް ހުންނެވިކަން ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް