ހުޅުމާލެއިން ބިން ގަންނަ މީހުން އިތުރުވެއްޖެ، އަނެއްކާވެސް ބިން ވިއްކަނީ

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

ހުޅުމާލެއިން ބީލަމުގެ އުސޫލުން މީހުން ދިރިއުޅުމަށް އިތުރު ބިންތަކެއް ވިއްކަން މިއަދު އެޗްޑީސީން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ ބިންތަކެއްކަމަށެވެ. އެއީ ހުޅުމާލެ ބީޗު ފްރަންޓުން 22 ބިމަކާއި ބީޗް ސައިޑުން 52 ބިމެކެވެ.

މިގޮތުން ބީލަން ފަށަނީ ބީޗް ފްރަންޓުން އަކަފޫޓަކަށް 6،500 ރުފިޔާ އަދި ބީޗް ސައިޑުން އަކަފޫޓަކަށް 5،500 ރުފިޔާއެވެ.

ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11ވާ އާދިއްތަ ދުވަހު އެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12ވާ ހޯމަ ދުވަހުއެވެ. މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 1،000،000 ރުފިޔާއެވެ.

އެ އިއުލާނުގައި ވަނީ ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއްކަމަށެވެ. އަދި ބިން ގަތުމަށް ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ:

  • ބީޗު ފްރަންޓުން އަކަފޫޓަކަށް 6،500 ރުފިޔާ
  • ބީޗު ސައިޑުން އަކަފޫޓަކަށް 5،500 ރުފިޔާ

މީގެ އިތުރުން ބީލަން ހުށަހަޅަން އެދޭ މީހުން ހުށަހަޅާ އަގަށް ހަ ޕަސެންޓް ޖީއެސްޓީ އިތުރުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ބީލަން ފޯމަށް އެދި އީމެއިލް ކުރަންޖެހޭނީ [email protected] އަށްކަަމަށެވެ. ބީލަމަށް އެދޭ ފޯމު ވިއްކަން ހަމަޖެހިފައިވަނީ 1000 ރުފިޔާއަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން، އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް ފޯމު ވިއްކާނެ ކަމަށް އެޗްޑީސީން ބުންޏެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 11 އަދި 12 ވަނަ ދުވަހުއެވެ.

ބީޗް ފްރަންޓް އަދި ބީޗް ސައިޑްގެ ފޯމަކީ ވަކި ދެފޯމެކެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކާ ފޯމް ހަވާލުކުރުމަށް އެޗްޑީސީން މުއާމަލާތު ކުރާނެއެވެ.

ބީލަމުގެ އުސޫލުން ގޯތުގަތުމަށް ހުށަހަޅާ މީހުންގެ ޝަރުތުތައް:

  • އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވުން.
  • މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތުން.
  • މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ނަމަ، 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ނުވުން. މި ހާލަތުގައި މައިންބަފައިންގެ ފަރާތުން ނުވަތަ އެހެން ގޮތަކުން ވާރުތަވެފައިވާ މުދާ ނުހިމެނޭ.
  • އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން.

ބީލަމުން ބިމެއް ގަނެ، އެހެން މީހެއްގެ ނަންމައްޗަށް އެ ބިން ބަދަލުކޮށްފައި ވިޔަސް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް