ރައީސްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވި މައްސަލަ ތަހުގީގު ކުރަން އަމުރެއް ނެރެދިނުމަށް އެދެފި

ގާނޫނީ ވަކީލު އަހްމަދު ޠާލިބު --- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް ގާނޫނީ ވަކީލް އަހްމަދު ޠާލިބު ޕީޖީ އޮފީހުގައި އެދެފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވައްޓަސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ރައީސް ޞާލިޙް، އަންހެނަކާއެކު ޒިނޭކުރާ ފޮޓޯތަކެއް އެބަހުރި ކަމަށާއި ދަތުރު ކުރައްވާ މަތިންދާ ބޯޓު ޔޫކޭއަށް މި ޖެއްސީ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނަށް ފޮނުވަންވީތޯ، ނަޝީދު ސުވާލު ކުރައްވާފައިވެއެވެ.

ޠާލިބު ސޮއި ކުރައްވާ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ފޮނުވި ސިޓީގައި ވަނީ ގ. ކެނެރީގޭ މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިސްތަށިފުޅުގައި، ޒިނޭ ކުރިކަމުގެ ތުހުމަތު އަޅުވައި އެމަނިކުފާނުގެ އަބުރަށް ތަކުރާރުކޮށް އަރައިގަންނަމުން ދާތީއާއި ރާއްޖޭގެ ޤާނޫނުލް އުގޫބާތުގެ 612 ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަންބަރުގެ ދަށުން މީހަކު ޒިނޭކުރިކަމަށް ދޮގު ތުހުމަތެއް ކުރުމަކީ ޤަޒުފުގެ ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ އެންމެ އިސްވެރިޔާއާ ދެކޮޅަށް މިފަދަ ދޮގު ތުހުމަތުތަކެއް ކުރުމަކީ ސީދާ މުޅި ދައުލަތާއި ދިވެހި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައިވާތީ އާއި ދައުލަތުގެ އެންމެ އިސްވެރިޔާ އާއި ދިވެހި ދައުލަތާއި އަދި ރައްޔިތުންގެ ސަލާމަތާއި، މަސްލަހަތު ރައްކާތެރިކުރުމަށް ޓަކައި، ނަޝީދު ކުރަމުންދާ ޤާނޫނާ ޚިލާފު މިފަދަ އަމަލުތައް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް ޕީޖީން އަންގައި އަމުރުކޮށްދިނުމަށް އެދޭ ކަމަށެވެ.

އެ ސިޓީގައި ވަނީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ)ގެ ދަށުން ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފި ނަމަ، ނޫނީ އެފަދަ މައުލޫމާތެއް އެހެން ގޮތަކުން ޕީޖީއަށް ލިބިއްޖެ ހިނދެއްގައި އެކަމެއް ތަހުގީގު ކުރުމުގެ އަމުރެއް ނެރުމުގެ އެންމެހައި ބާރު ގާނޫނު އަސާސީން ޕްރޮސިކުއުޓާ ޖެނެރަލަށް ލިބިދީފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އަމަލުކުރެވެމުންދާ ޖިނާއީ އިޖުރާތު ގާނޫނުގެ 23 ވަނަ މާއްދާގެ (ނ)ގެ ދަށުން މީހަކު ކުށެއް ކޮށްފި ކަމުގެ މައުލޫމާތު ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިއްޖެ ހިނދެއްގައި އެ މައްސަލައެއް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް އަމުރު ކުރުމުގެ ބާރު ވެސް ޕީޖީއަށް ލިބިދީފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

"ހަމަ މިފަދައިން ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ކ)ގެ ދަށުން ދިވެހި ރާއްޖޭގެ ބަންޑާރަ ނައިބު ކަނޑައަޅާފައިވާ، ޖިނާއީ މައްސަލަ ތަކުގައި ޕްރޮސިކިއުޓާ ޖެނެރަލް އަމަލުކުރާނެ މައިގަނޑު ސިޔާސަތުގެ އަސާސް ތަކުގެ އެއް ވަނަ ނަންބަރު ގައި ބަޔާންކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލް ގާނޫނީ ވެރިކަން ކުރިއަރުވައި ގާނޫނު ނެގެހެއްޓުމާއި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރި ކުރަންވާނޭ ކަމަށެވެ. އަދި މިސިޔާސަތުގެ އަސާސްތަކުގެ ފަސް ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވަނީ އެއްވެސް މީހަކަށް ޖެހިލުމެއް ނެތި އަދި ވަކި ފަރާތަކަށް މަންފާއެއް ހޯދައި ދިނުމެއްނެތި ތައައްސުބުން އެއްކިބާވެ ހުރެ ގާނޫނީ މަސްއޫލިއްޔަތާއި ބާރުގެ ބޭނުން ޕްރޮސިކިއުޓާ ޖެނެރަލް ހިފަންވާނޭ ކަމަށެވެ،" ޠާލިބުގެ ސިޓީގައިވެއެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ރައީސް ޞާލިޙުގެ އިސްތަށިފުޅުގައި ނަޝީދު ޒިނޭގެ ތުހުމަތު އެޅުވީ އެމަނިކުފާނުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް