މީޑިއާނެޓު އޮފީހަށް ބަޔަކު ވަދެ ހިންގި މާރާމާރީއާ ގުޅިގެން އެކަކަށް ފަރުވާދެނީ

ފަރީދީ މަގުގައި ހުރި މީޑިއާ ނެޓް އިމާރާތް ކައިރިއަށް މީހުން އެއްވެފައި: އެތަނުގެ ތެރެއަށް ބަޔަކު ވަދެ ވަނީ މާރާމާރީ ހިންގާފައި --- ސަން ފޮޓޯ

އޯކިޑު މަގުގައި ހުންނަ މީޑިއާނެޓުގެ އޮފީހަށް މިއަދު ހަވީރު ބަޔަކު ވަދެ ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިނގިކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 05:48 ހާއިރުކަމަށެވެ. އަދި އަނިޔާވި މީހާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މަރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި ވަނީ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަޚަމް ކޮށްލާފައެވެ. މަންޒަރުދުށް މީހުން ބުނީ އެ މާރާމާރީ ހިންގީ ދަގަނޑާއި ދަނޑި ބުރިތައް ބޭނުންކޮށްގެން ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ޒުވާނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މާލޭގައި މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދެ ޒުވާނުންނާއި 27 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނެކެވެ.

އެ ހަތަރު ޒުވާނުން ހައްޔަރު ކޮށްފައިވަނީ ދެ ސައިކަލެއްގައި ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހުންގެ އަތުގައި ހުރި ދަގަނޑުބުރިތަކެއް މަގުމައްޗަށް އުކާލި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް