އެމެރިކާގެ ސަފީރު ކަމަށް އަބްދުލްޣަފޫރު އައްޔަން ކުރަން ރުހުން ދީފި

ޢަބްދުލްޣަފޫރު މުޙައްމަދު--- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަބްދުލްޣަފޫރު މުޙައްމަދު އައްޔަނު ކުރައްވަން ރަައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބްދުލްޣަފޫރަށް ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރި ގޮތުގެ ރިޕޯޓު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އިއްވާފައެވެ.

އެ ރިޕޯޓުގައި ވަނީ އަބްދުލްޢަފޫރަކީ އެ މަގާމަށް އައްޔަނު ކުރެއްވުމަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ. ކޮމިޓީން ވަނީ އެކަމާ ގުޅިގެން އޭނާއާ އިންޓަވިއު ވެސް ކޮށްފައެވެ.

އެ ރިޕޯޓު ފާސްކޮށް އޭނާއަށް މަޖިލީހުން ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.

އަބްދުލްޣަފޫރު ވަނީ ފޮރިން ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައެވެ. އޭނާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އދ. ގައި ހުންނަވާ ދާއިމީ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް އަބްދުލްޣަފޫރު ވަނީ ކުރައްވާފައެވެ.

comment ކޮމެންޓް