އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދޭން އާޒިމް އެދިއްޖެ

އެމްޑީޕީގެ ބައްދަލުވުމެއްގެ ކުރީގައި އާޒިމް: މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސް ފަސް ކޮށްދޭން އޭނާ ވަނީ އެދިފައި ---

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދޭން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު އެދިވަޑައިގަނެފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އާޒިމް ފޮނުއްވި ސިޓީގައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށާއި ކޮންގްރެސްގެ ކޮމްޕޮސިޝަން އެކުލަވާލާފައިވާ ގޮތުން ގޮފިތަކުގެ ރައީސުންނަށް ކޮންގްރެސްގައި ވޯޓިން ޑެލިގޭޓުންގެ ގޮތުގައި ތަމްސީލް ކުރެވޭނެ ކަމަށެވެ.

ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ ގޮފި ގަވާއިދުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލަތުގެ ތެރެއިން އިންތިޚާބެއް ބޭއްވުމަށްފަހު ކަމަށް އާޒިމްގެ ސިޓީގައިވެއެވެ. އަދި ކޮންގްރެސްގައި ގޮފި ތަމްސީލްކުރާ ރައީސް ނުވަތަ ނައިބު ރައީސް ވާންޖެހޭނީ އިންތިޚާބު ވެފައިވާ މީހަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ކަންއެހެން އޮތްއިރު މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްގައި ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގަވާއިދާ އެއްގޮތަށް އިންތިޚާބުވެފައިވާ ބައެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ މީހުންގެ މައުލޫމާތު މިހާތަނަށް އާންމު ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ބަޔަކަށް ވޯޓު ދިނުމުގެ ބާރު ދީގެން ބާއްވާ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތް ކަން އާޒިމް ފާހަގަކުރެެއްވިއެވެ. އެކަމާ ޕާޓީގެ ގިނަ މެންބަރުންތަކެއް ސުވާލު އުފައްދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ, ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކުގެ ރައީސްނުންނާއި ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށް ފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދެވުމަށް ދަންނަވާ ކަމަށެވެ.

ކޮންގްރެސްއަށް ގޮފިތަކުން ހުށަހަޅާފައިވާ މަންދޫބުން އިންތިޚާބުކުރި ގޮތާއި އަދި އެ މަންދޫބުންގެ ތަފްސީލް ހިމެނޭ ލިސްޓެއް ހިއްސާކޮށްދިނުމަށް އާޒިމް ވަނީ އެދިވަޑައިގަނެފައެވެ.

comment ކޮމެންޓް