އިންޑިއާ ސަފީރު ކަމަށް ޝަހީބު، މެލޭޝިޔާއަށް އަލީ ހުސައިން ދީދީ އައްޔަން ކުރަން ރުހުން ދީފި

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ/ މަޖިލީސް

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށް ހ. ޖެހޭވައި، އިބްރާހިމް ޝަހީބު އަދި މެލޭޝިޔާއަށް ކަނޑައަޅާ ސަފީރު ކަމަށް ހ. މާލޭތިލަ، އަލީ ހުސައިންދީދީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިންޑިއާ އާއި މެލޭޝިޔާއަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ އިއްވާފައެވެ.

ޝިހާބާއި އަލީ ހުސައިން ދީދީ ސަފީރު ކަމަށް އައްޔަން ކުރުމަށް ރުހުން ދީފައި ވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ދެ މައްސަލަ ވެސް ދިރާސާކުރި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ޝަހީބާއި އަލީ ހުސައިން ދީދީއާ ވެސް އިންޓަވިއު ކޮށްފައެވެ. ކޮމިޓީން މިއަދު ހުށަހެޅި ރިޕޯޓުގައި ވަނީ އެ ދެ ބޭފުޅުންނަކީ ވެސް ސަފީރުކަމަށް އައްޔަނު ކުރެއްވުމަށް އެކަށީގެންވާ ދެ ބޭފުޅުން ކަމަށެވެ.

comment ކޮމެންޓް