އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހޭދަކުރައްވާ ހޭދަކުރެއްވުންތަކުގެ އޮޑިޓެއް މިހާރުން މިހާރަށް ހަދަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް ގައުމުތަކަށް ސަފީރުން ހަމަޖެއްސުމާ ގުޅޭގޮތުން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވާ ބައެއް ރިޕޯޓުތަކަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ކޮންމެހެން ސަފީރުން ތިބެން ނުޖެހޭ ގައުމުތަކަށް ސަފީރުން އައްޔަނު ކުރަމުންދާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ގައުމު ދަރަނިވެރިވެފައި އޮތް ދަނޑިވަޅެއްގައި ވެސް ފޮރިން ސާވިސްއަށް ބޮޑު ހޭދައެއް ކުރަމުންދާ ކަމަށާއި އެގޮތުން ސިވިލް ސާވިސްއަށް ކުރާ ހޭދައާ ގާތްގަނޑަކަށް އެއް ހޭދައެއް ފޮރިން ސާވިސްއަށް ކުރަމުންދާ ކަމަށެވެ.
"ހޭދަ މިކުރަނީ ފޮރިން ސާވިސްގެ މުވައްޒަފުންނަށާއި ސަފާރީތައް ކުއްޔަށް ނަގައިގެން އެތަންތަނުގެ ހޭދައަށް. އަޅުގަނޑު ގޮވާލަން ފޮރިން ސާވިސްގެ ސައިޒު ކުޑަ ކުރަން،" ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މިއަދު ރާއްޖެއަށް ޚިދުމަތް ކުރެއްވުމުގެ ބަދަލުގައި ޚިދުމަތް ކުރައްވަނީ ދުނިޔެއަށް ކަމަށެވެ. އަދި އެ މަގާމަށް އެތައް ހޭދައެއް ކުރައްވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
"ދިވެހި ދައުލަތުން އެތައް ފައިސާއަކާ ޑޮލަރެއް އެބަ ހޭދަކުރޭ އެ މަގާމަށްޓަކައި. ގުޅުންތައް ރަނގަޅުވެގެން ދިވެހި ރައްޔިތުންނަށް ވީ ފައިދާއެއް އަޅުގަނޑަކަށް ނުފެނޭ،" ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުމެވެ. އެއަށްފަހު އެމެރިކާ، މެލޭޝިއާ އަދި އިންޑިއާއަށް އައްޔަންކުރާ ސަފީރާމެދު ރުހުން ހޯދުމަށް ޚާރިޖީ ކޮމިޓީއަށް ފޮނުވި މައްސަލައިގެ ކޮމިޓީ ރިޕޯޓު އިއްވުން ވަނީ އެޖެންޑާގައި ހިމަނާފައެވެ.
ހަ ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފޮނުއްވާފައިވާ މައްސަލަ ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ވެސް މިއަދުގެ ޖަލްސާގައި ފޮނުވާފައިވެއެވެ.