ޖަރުމަނު ސަފީރު ޝާން އިތުރު ހަ ގައުމެއްގެ ސަފީރުކަމަށް އައްޔަންކުރަން ރުހުން ހޯދަނީ

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު ޝާން ޝާކިރު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު ޝާން ޝާކިރު، އިތުރު ހަ ގައުމުގެއްގެ ނޮން ރެސިޑެންޓް ސަފީރަކަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފިއެވެ.

ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް، ޔުކްރޭން އަދި ރަޝިއާގެ ސަފީރަކަށް ޝާން އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވާފައިވާ މައްސަލަ މަޖިލީހަށް މިއަދު އިއްވާފައިވަނީ މަޖިލީހުގެ އަމީންއާމެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

އައިޝަތު ޝާން ޝާކިރު އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.

މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ އެ މަގާމަށް އޭނާ އައްޔަން ކުރައްވައިފައި ވަނީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އޭގެ ކުރިން ޝާން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ އިތުރުން ވެސް، ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ފުރުއްވާފައެވެ.

ޖަރުމަން ސަފީރު ކަމަށް ޝާން އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި 20 ވަނަ ދުވަހުއެވެ.

comment ކޮމެންޓް