މާލެއަށް ހިޖުރަކޮށް ދަފްތަރުގައި ޖެހުނު މީހުންނަށް ގޯތި ދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ރަށަކުން މާލެއަށް ހިޖުރަކޮށް ދަފްތަރުގައި ޖެހުނު ރައްޔިތުންނަށް މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް ލުމުގެ ފުރުސަތު ދޭން ނުވިސްނަވާ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިޔުންގެ މަޖިލީހުގެ ޖަލްސާގައި ދަފްތަރުގަ ހިމެނޭ ބައެއް މީހުންނަށް ގޯތި ލިބުމުގަ ނުވަތަ އޭގައި ބައިވެރިވުމުގެ ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެ އުސޫލުތައް އިސްލާހު ކުރަން ސަރުކާރުން ވިސްނާފަވޭތޯ ހޯރަފުށީ ދާއިރު އަޙްމަދު ސަލީމް ވަނީ މިނިސްޓަަރާ ސުވާލު ކުރައްވާފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ މާލޭއަށް ނިސްބަތްވާ ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ ގޯތިތަކެއް ކަމަށެވެ.

"މާލޭ ރައްޔިތުންނަށް ގޯތި ދިނުމާ ގުޅޭގޮތުން ސަރުކާރުން ނިންމާފައޮތީ މާލޭން ދޭ ގޯތި އަޅުގަނޑުމެން މި ދެނީ މާލޭގެ ރައްޔިތުންނަށްށޭ. ރަށަކުން މާލެއަށް ހިޖުރަކޮށް މާލޭގެ ދަފްތަރުގަ ޖެހުނު ރައްޔިތުންނަކަށް ނޫނޭ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެހެން ތަނެއްގައި ރަޖިސްޓްރީ ވެވެން ނެތިގެން ދަފްތަރުގައި ޖެހިފައި ތިބި މާލޭ ރައްޔިތުންނަށް ގޯއްޗަށް ކުރިމަތި ލެވޭނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި، އެކަމަށް ޚާއްސަ ކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"އަށް މިހާރު ވެސް އެތަށް ފޯމެއް ވަނީ ހުށަހަޅާފައެވެ.

ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ވަކި ޚާއްސަ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އަދި، އަމިއްލަ ގޮތުންނާއި، ގިނަ ބަޔަކު ބައިވެރިވެގެން ވެސް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތަށް ބައިވެރިވެގެން ހުށަހެޅޭނީ އެއް އާއިލާއެއްގެ މީހުން ނުވަތަ އެއް ގޯއްޗެއްގެ ބެލެނިވެރިން ކަމުގައިވާ މީހުންނަށެވެ. އެ އެންމެންގެ ޝަރުތު ވެސް ފުރިހަމަ ވާންޖެހެއެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

  • މާލެ ފިޔަވާ އެހެން ތަނެއްގައި އެއްވެސް އިރަކު ރަށްވެހިވެފައި ނުވުން
    އުމުރުން 18 އަހަރު ފުރިފައިވުން
  • އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ބޮޑު ގޯއްޗެއް މާލެ ސަރަހައްދުގައި ނެތުން
  • އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ކުޑަ ގޯއްޗެއް މާލެ ސަރަހައްދުގައި އޮތް ނަމަ، އުސޫލުގެ ދަށުން ދޫކޮށްލުން
  • ސަރުކާރުގެ ސޯޝަލް ހައުސިން ލިބިފައި ނެތުން
  • މާލެ ސަރަހައްދުގައި ވާރުތައިން ލިބެން އޮތް ބަންޑާރަ ބިން ދޫކޮށްލުން
  • މާލެ ސަރަހައްދުގައި އަމިއްލަ ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން
comment ކޮމެންޓް