43 މެންބަރުންނާއެކު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ -- ފޮޓޯ/ މަޖިލިސް

ރައްޔިތުން މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 43 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ފަށައިފިއެވެ.

މަޖިލީހުގެ ފަހު ދައުރަށް ސަރުކާރުގެ ފަރާތުން 30 ބިލެއް ފޮނުވުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އިއްޔެ ބުނެފައެވެ.

މިއަދު މިއަހަރުގެ ފަހު ދައުރު ފަށާފައިވާއިރު ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ 30 ބިލްގެ ލިސްޓް ލިބިފައިވާ ކަމަށެވެ.

މިވަގުތު މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލްތަކުގެ ތަފްސީލުވެސް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމްއާ މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ.

އެޖެންޑާގައިވާ އިތުރު ކަންކަމުގެ ތެރޭގައި އެމެރިކާ، މެލޭޝިއާ އަދި އިންޑިއާއަށް އައްޔަންކުރާ ސަފީރާމެދު ރުހުން ހޯދުމަށް ޚާރިޖީ ކޮމިޓީއަށް ފޮނުވި މައްސަލަގެ ކޮމިޓީ ރިޕޯޓު އިއްވުން ހިމެނެއެވެ.

ހަ ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވާފައިވާ މައްސަލަ ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ވެސް ހިމެނެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި ދައުރު ހިނގާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

comment ކޮމެންޓް