އެމެރިކާގެ ބާރު ދައްކާލުމުގެ ގޮތުން ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލެއް ތަޖުރިބާކޮށްފި

އެމެރިކާއިން ދުރު ރާސްތާގެ މިސައިލެއް ތަޖުރިބާ ކުރަނީ

ވޮޝިންޓަން (18 އޮގަސްޓް 2022): ދުރުރާސްތާގެ ސްޓްރެޓީޖިކް ބަލިސްޓިކް މިސައިލެއް އެމެރިކާއިން ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) ބުނާގޮތުން އެމެރިކާ ސިފައިން ތަޖުރިބާކޮށްފައިވަނީ 9,660 ކިލޯމީޓަރަށް ދަތުރުކުރާ "މިނިޓްމޭން 3" މަރުކާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލެކެވެ.

މިއީ ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ބުނިގޮތުގައި މިއީ ރޫޓިން ކަމެކެވެ. ބޭނުމަކީ އެމެރިކާގެ ސްޓްރެޓީޖިކް މިސައިލްތަކުގެ ގާބިލްކަން ޔަގީން ކުރުމާއި އެމެރިކާގެ ގައުމީ ދިފާއީ ނިޒާމު އަބަދުވެސް ތައްޔާރީ ހާލަތުގައި އޮންނަކަން ކަށަވަރު ކުރުމެވެ.

"މިނިޓްމޭން 3" މަރުކާގެ މިސައިލް ތަޖުރިބާ ކުރި ހައެއްކަ މަހުގެ ލަސްވުމަކަށްފަހުގައި ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. ލަސްކުރަން ޖެހުނީ މިދިޔަ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމާއި ޗައިނާއިން ދެކުނު ޗައިނާ ކަނޑާއި ތައިވާން ކަނޑުއޮޅީގައި ކައިރިކައިރީގައި އަސްކަރީ ތަމްރީންތައް ބާއްވަމުން ގެންދިޔުމުން ކަމަށް ޕެންޓަގަންއިން ބުނެފައިވެއެވެ.

ޗައިނާ ސިލްސިލާ ގޮތެއްގައި ދެކުނު ޗައިނާ ކަނޑުގައި ބޭއްވި އަސްކަރީ ތަމްރީންތަކުގެ ތެރެއިން އެންމެ ވަރުގަދަ ތަމްރީން ބާއްވާފައިވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ޗައިނާއަށް ގޮން ޖައްސަވާފައި ތައިވާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމާ ގުޅިގެންނެވެ.

ޗައިނާ ދެކޭގޮތުގައި ތައިވާނަކީ ވަކި ނިޒާމަކަށް ވެރިކަން ކުރިނަމަވެސް ޗައިނާގެ ބައެކެވެ. ވަން ޗައިނާ ސިޔާސަތުގެ ދަށުން އެމެރިކާވެސް މިކަން ގަބޫލުކުރެއެވެ. ނަމަވެސް ޗައިނާއަށް ގޮންޖެހުމުގެ ގޮތުން ޕެލޯސީ ވަނީ މި މި މަހުގެ ދެ ވަނަ ދުވަހު ކޮންގްރެސްގެ ބޮޑު ވަފްދަކާއެކު މިނިވަން މުސްތަގިއްލު ގައުމަކަށް ޒިޔާރަތް ކުރައްވާ ގޮތަށް ތައިވާނަށް ޒިޔާރަތް ކުރައްވާފައެވެ. މިކަމުގެ ސަބަބުން ޗައިނާވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން ޗައިނާގެ އަސްކަރިއްޔާވަނީ އެގައުމުން ދުވަހަކުވެސް ހިންގާފައިނުވާ ވަރުގެ ވަރުގަދަ އަދި ފުޅާދާއިރާއެއްގެ އަސްކަރީ ތަމްރީންތަކެއް ތައިވާން ވަށައިގެން ތައިވާން ކަނޑުއޮޅިއާއި ދެކުނު ޗައިނާ ކަނޑުގައި ހިންގާފައެވެ. މި ތަމްރީންތަކުން ޗައިނާވަނީ އެގައުމުގެ އަސްކަރީ އާރާއި ބާރު އެމެރިކާއަށާއި އެމެރިކާގެ ބައިވެރިންނަށް ދައްކާލަފައެވެ.

މިގޮތުން ތައިވާން ހިފަން ބޭނުންވެއްޖެ ހިނދެއްގައި އެކަންކުރުމަށް ހަނގުރާމަ ކުރާނެގޮތާއި އެހަނގުރާމައިގާ ތައިވާން ހިސާރުކޮށް ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ތައިވާން ގެންދާނެ ގޮތުގެ އުކުޅުތައް ޗައިނާ ސިފައިންވަނީ ވަރަށް ވަރުގަދައަށް ދައްކާލާފައެވެ.

މި ތަމްރީންތަކުގައި ޗައިނާވަނީ ތައިވާނަށް އަސްކަރީގޮތުން އެހީތެރިވުމުގެ ފުރުސަތު އެމެރިކާއަށް ނުދެނޭކަމާއި އެމެރިކާގެ އުޅަނދަކަށް ތައިވާނާ ގާތެއް ނުވެވޭނެކަންވެސް ހާމަކޮށްދީފައެވެ. ޗައިނާގެ އަސްކަރީ ތަމްރީންތަކުގެ މޮޅުކަމާއި ޗައިނާގެ ހަތިޔާރުތަކުގެ ބާރުގަދަކަން މި ތަމްރީންތަކުގައި ފެނުމާއެކު އެމެރިކާއަށް ސިހުން ލިބުނުކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާއިން 1996 ވަނަ އަހަރު ތައިވާން ކަނޑުއޮޅީގައި އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދިޔައިރު އެމެރިކާގެ އަސްކަރީ މަނަވަރުތައް އެސަރަހައްދަށް ވަދެ ޖެއްސުން ކުރުމުގެ އަމަލުތައް ހިންގާފައިވެއެވެ. ނަމަވެސް މިފަހަރު ޗައިނާއިން އަސްކަރީ ތަމްރީންތައް ކުރިއަށް ގެންދިޔައިރު ތައިވާން ކަނޑުއޮޅިއާ ގާތްވާންވެސް އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

އެމެރިކާއިން ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލް ތަޖުރިބާކުރުން ފަސްކުރަން ޖެހުނު މައިގަނޑު ދެ ސަބަބުގެ ތެރޭން އެއް ސަބަބަކީވެސް މިއީކަން ޕެންޓަގަންއިން ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު