އެފްސީޕީޑީއަށް ވަޅިއެއް ހިފައިގެން ވަން މީހަކު ހަ މަހަށް ޖަލަށް

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންގެ ޑިޕާޓްމަންޓް، ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީޕީޑީ)އަށް ވަޅިއެއް ހިފައިގެން ވަން މީހަކު ހަ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން މ. ލަވްނެސްޓު، އިބްރާހީމް ނާޝިދުގެ މައްޗަށް ކުރީ މަގުބޫލު ސަބަބެއް ނެތި، ނުރައްކަތެރި ހަތިޔާރެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ނާޝިދުގެ މައްޗަށް ކުރި ދައުވާގައި ވަނީ އޭނާ އެފްސީޕީޑީއަށް ވަޅިއެއް ހިފައިގެން ވަދެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:00 ހާއިރު ކަމަށެވެ. އަދި އެ ވަޅީގެ ތިލައިގައި ފަސް އިންޗި ހުރިކަމަށް ދައުވާގައިވެއެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ނާޝިދު ބުނެފައި ވަނީ އޭނާ އެވަގުތު ގެންގުޅުނު ވަޅިއަކީ އަމިއްލަ ނަފުސަށް އަނިޔާކުރުމަށް ގެންގުނު ވަޅިއެއްކަމަށާއި އޭނާ އަކީ ނަފުސާނީ ބައްޔަށް ބޭސްކާ މީހެއްކަމަށެވެ.

ނާޝިދު ދައުވާއަށް އިއުތިރާފް ވުމުންނައި ޝަރީއަތަށް އެއްބާރުލުން ދިނުމުން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ އޭނާއަށް ކުޑަ އަދަބެއް ދިނުމަށެވެ. އެގޮތުން އޭނާ ހަ މަހަށް ޖަލަށްލުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް