ޓްރީޓޮޕުން ފާސިރުގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި

ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކުލަބް ވެލެންސިއާގެ މޮޅު ސްޓްރައިކަރު އަލީ ފާސިރު (ސެންޓޭ) --- ފޮޓޯ/ ޓްރީޓޮޕް

ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކުލަބް ވެލެންސިއާގެ މޮޅު ސްޓްރައިކަރު އަލީ ފާސިރު (ސެންޓޭ)ގެ ކަކުލުގެ އޮޕަރޭޝަން ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފިއެވެ.

ޓްރީ ޓޮޕުން ސެންޓޭގެ "އެންތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން" ސާޖަރީ ހެދީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ތަޖުރިބާކާރު ކޮންސަލްޓަންޓް ޑރ. ހުސެން ފައިސަލް ބެލުމުގެ ދަށުންނެވެ.

ޑރ. ފައިސަލް ވިދާޅުވީ އޭސީއެލްއަކީ ކަކުލުގެ ހުޅު އެނބުރުމުގެ ސަބަބުން އާންމުކޮށް އަނިޔާވާ ލިގެމަންޓެއް ކަމަށެވެ.

"ފާސިރުގެ އޭސީއެލް އޮތީވެސް އެގޮތަށް އަނިޔާވެފަ، ހަލާކުވެފައިވާ ލިގަމެންޓް ނެގުމަށްފަހު އޭގެ ބަދަލަށް ޓެންޑަނެއްގެ އެތިކޮޅެއް މި ސާޖާރީގައި ލައްވާނީ، މި ސާޖަރީ ފުރިހަމަކުރުމާއި، ރީހެބިލިޓޭޝަން ފުރިހަމަކުރުމަކީ ފާސިރު ކުޅުމައިގެން ކުރިއަށް ދިއުމަށް ކުރުން މުހިންމުކަމެއް. އަދި އަޅުގަނޑު ފާސިރަށް އަވަސް ޝިފާއެއް އަދި ގައުމީ ފުޓްބޯޅަ ޓީމާއިއެކު ދަނޑުގައި އަވަހަށް ފެނިގެންދާނެ ކަމަށް އުންމީދުކުރަން،" ޑރ. ފައިސަލް ވިދާޅުވިއެވެ.

އޭސީއެލްއަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑައި ގުޅުވާ ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުންތަކެކެވެ.

ޑރ. ފައިސަލް ވިދާޅުވީ ކުޅުންތެރިއެއް ވެއްޓުމުގެ ސަބަބުން ކަކުލުގެ ހުޅަށް ކޮންޓްރޯލުން ކެނޑިގެން އެބުރޭއިރު ކަށި ގޮވާއަޑު އިވޭނެ ކަމަށެވެ. އަދި ދެ ހަފްތާ ވަރު ވަންދެން ކަކުލު ހުޅުގައި ރިއްސާ ދުޅަވުން އެކަށީގެންވާ ކަމަށާއި އޭސީއެލްއަށް އަނިޔާވެ، އަވަސް ފަރުވާއެއް ނުހޯދިއްޖެނަމަ ކަކުލުގެ ހުޅު ބޭނުންކުރުމުގައި އުނދަގޫތަކާ ކުރިމަތިވެދާނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ސެންޓޭ ވަނީ އޭނާގެ އޮޕަރޭޝަނާ ގުޅިގެން ހިތްހަމަ ޖެހޭ ކަމަށް ބުނެފައެވެ.

"އަހަރެންގެ ތަޖުރިބާ ވަރަށް ފުރިހަމަ، އެހީތެރިވެދިން ހުރިހާ ސަޓާފުންނާއި، ނަރުހުން އަދި ޑރ. ފައިސަލް ވެސް ވަރަށް ރަނގަޅު،" ސެންޓޭ ބުންޏެވެ.

ސެންޓޭގެ ކަކުލުގެ އޮޕރޭޝަންގެ ކަންކަމާ ހަވާލުވެ ހުންނެވި ޑރ. ފައިސަލްއަކީ ކަށީގެ ބަލިތަކުގެ ދާއިރާއިން 20 އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

އޭނާ އެމްބީބީއެސް ފުރިހަމަކުރެއްވީ ޕާކިސްތާނުގެ ބަގައި މެޑިކަލް ޔުނިވާސިޓީއިންނެވެ. އޯތޯޕީޑިކްސް އަދި ޓްރޯމާ ސާޖަރީއިން އެމްއެސް ހާސިލްކޮށްފައިވަނީ ނޭޕާލުގެ ޓްރިބުވަން ޔުނިވާސިޓީ ޓީޗިން ހޮސްޕިޓަލުންނެވެ.

މީގެ އިތުރުން ޑރ. ފައިސަލްއަކީ ކަށީގެ އެކި ޕޮރޮސީޖާތަކަށް ތަޖުރިބާހުރި ހުނަރުވެރި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ކުޑަކުދިންގެ ކަށީގެ ބަލިތަކަށާއި އަތޮރޮސްކޮޕިކް ސަރަޖަރީ އަދި ލިގަމެންޓް ރީކޮންސްޓްރަކްޝަން ފަދަ ޕޮރޮސީޖާތައް ކުރުމުގެ ތަޖުރިބާ ހޯއްދާފައެވެ.

ސެންޓޭގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު އޭނާ މިހާރުދަނީ ކުޅުމަށް އެނބުރި ދިއުމަށްޓަކައި ރިކަވަރީއަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް