ސްރީލަންކާގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އުވާލަނީ

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ

ކޮލަންބޯ (17 އޮގަސްޓް 2022): ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައާ ދެކޮޅަށް އެގައުމުގެ ރައްޔިތުން އުތުރިއަރައި ކުރި ވަރުގަދަ މުޒާހަރާތައް ހުއްޓުވުމަށްޓަކައި ޖުލައިމަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އެގައުމުގެ މިހާރުގެ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަގެ އޮފީހުން ބުނީ މިދިޔަ ޖުލައި މަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 18ގައި ހަމަވާނެކަމަށާއި އެއަށްފަހު ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރުމުގެ ވިސްނުމެއް ނެތްކަމުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގަތުމަށްފަހު މަގާމުން އިސްތިއުފާ ދެއްވުމުން ވަގުތީ ރައީސް ކަމުގެ ހުވާ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ކުރެއްވުމަށްފަހުގައެވެ.

ގޮތަބަޔައާ ދެކޮޅަށް ސްރީލަންކާގެ ރައްޔިތުން އުތުރިއަރައި ރިޔާސީ ގަނޑުވަރާއި ރިޔާސީ ސެކްރެޓޭރިއަޓް އާންމުންގެ ކޮންޓްރޯލްގެ ދަށަށް ގެނައީ މިިދޔަ ޖުލައި ނުވަ ވަނަ ދުވަހުއެވެ. ގޮތަބަޔަ ސްރީލަންކާގެ ސިފައިންގެ އެހީގައި އެގައުމުގެ ރައްޔިތުންނަށް ފިއްލަވައިގެން އަސްކަރީ މަތިންދާ ބޯޓެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވީ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައްއެވެ.

ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ކުރީގެ ރައީސް އާ ދެކޮޅަށް އުތުުރިއަރަނީ

ގޮތަބަޔަ ދިވެހިރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި 14 ވަނަ ދުވަހުއެވެ. އެއަށްފަހު މަގާމުން އިސްތިއުފާ ދެއްވީ ޖުލައި 17 ވަނަ ދުވަހުއެވެ. ގޮތަބަޔަ ސިންގަޕޫރު ދޫކުރައްވައި ތައިލެންޑަށް ވަޑައިގެންނެވީ މި އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

ޖުލައި 18 ވަނަދުވަހު ރަނިލްވަނީ ސްރީލަންކާގެ ވަގުތީ ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ކުއްލި ހާލަތު އިޢުލާނު ކުރައްވައި ސްރީލަންކާގެ ސަލާމަތީ ބާރުތައް ކޮލަންބޯގެ މަގުތަކަށް ނެރެ ބާރުގެ ބޭނުން ކޮށްގެން މުޒާހަރާތައް ގަދަބާރުން ހުއްޓުވައި ކޮލަމްބޯގައި މުޒާހަރާ ކުރާ މީހުންގެ ޖަގަހައަކަށް ހަދާފައިވާ ކޭމްޕުތައް ރޫޅައިލައި، މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހައްޔަރުކޮށްފައެވެ.

ގޮތަބަޔަގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ފެށި މުޒާހަރާތަކާއި އުތުރިއެރުންތައް އެހިސާބުންވަނީ މައިތިރިވެފައެވެ. ރަނިލް ވިދާޅުވެފައިވާ ގޮތުގައި މުޒާހަރާތައް ގަދަބާރުން ހުއްޓުވައި މުޒާހަރާއާބެހޭ ޖަގަހަތައް ރޫޅާލައި އެކްޓިވިސްޓުން ހައްޔަރުކުރަން ޖެހުނީ ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައެވެ.

މުޒާހަރާތައް އެލެވެލްގައި ކުރިޔަށްދާނަމަ އިގްތިސާދީ ތަޑުމަޑުކަމުން އަރައިގަތުމަށް ޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން ހޯދަން ބޭނުންވާ 3.4 ބިލިޔަން ޑޮލަރުގެ ލޯނު ލިބުމަށް ހުރަސްއެޅޭނެއެވެ. ރަނިލްގެ ސަރުކާރުން މިހާރު ގެންދަނީ އިގްތިސާދީ ތަޑުމަޑުކަމުން އަރައިގަތުމަށް ޓަކައި މާލީ އެހީ ހޯދުމަށް މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ. މިއާއެކު ސްރީލަންކާގެ ހާލަތު މިހާރު ތަންކޮޅެއް ރަނގަޅު ކަމަށްވެއެވެ. ކޮންމެވެސް ވަރަކަށް ތެޔޮވެސް ލިބެއެވެ. ކަރަންޓް ކަނޑާ ވަގުތުތައްވެސް ކުރިއަށްވުރެ މަދެވެ.

comment ކޮމެންޓް