ހުޅުމާލޭގައި ހިނގި ކާރު އެކްސިޑެންޓް: ދެމީހަކަށް ޓްރީޓޮޕްގައި ފަރުވާ ދެނީ

މި އެކްސިޑެންޓުގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ ---

އިއްޔެ އިރުއޮއްސުން ވަގުތު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅު ސަރަހައްދުގައި ކާރަކާއި ޑަމްޕް ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެ އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބި ތިން މީހުންވެސް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.

އެ ކާރު ދުއްވަން އިން މީހާގެ އާއިލާ މީހަކު މިއަދު "ސަން"އަށް ބުނީ، އޭގެ ތެރެއިން އެކަކަށް ލިބިފައި ވަނީ ކުދި އަނިޔާތަކެއް ކަމަށާއި އޭނާ ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ކާރުގައި ދެން ތިބި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް ޓްރީޓޮޕަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ޓްރީ ޓޮޕްގައި ފަރުވާ ދޭ ދެ މީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ. އެހެންވެ ރޭގަ އެ ދެމީހުން ބަދަލުކުރީ ޓްރީޓޮޕް ހޮސްޕިޓަލަށް،" އޭނާ ބުންޏެވެ.

ޓްރީޓޮޕްގައި މިހާރު ފަރުވާ ދެމުންދާ ދެ މީހުންގެ ތެރެއިން އެކެއްގެ ވައަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި ދެވަނަ މީހާގެ މޫނުމަތީ ކަށިގަނޑެއްގައި ރެނދެއް ލާފައިވާ ކަމަށް އާއިލާގެ މެންބަރު ބުންޏެވެ.

އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާދެމުން އަންނަ ނަމަވެސް އެ ދެމީހުންގެ ހާލުވެސް ސްޓޭބަލްއެވެ.

އިއްޔެ އެ ކާރު އެކްސިޑެންޓު ހިނގާފައިވަނީ އިރުއޮއްސި 18:00 ހާއިރުއެވެ. އެ ހާދިސާގައި އެކްސިޑެންޓުވި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

comment ކޮމެންޓް