މާއުނގޫދޫ ކައުންސިލަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މީގެ ކުރިން ބޭއްވި ބައި އިލެކްޝަނެއްގެ ވޯޓު ގުނުން ކުރިއައްދަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

ށ. މާއުނގޫދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ އޮކްޓޫބަރު މަހު ބާއްވަން ނިންމައި، އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މާއުނގޫދޫ ކައުންސިލްގެ ބައި އިލެކްޝަން އިއުލާން ކޮށްފައި ވަނީ ކައުންސިލަރު މުސްތަފާ އަބްދުލްގައްޔޫމް، މިދިޔަ މަހުގެ 20 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އަކީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ވާގޮތުން މާއުނގޫދޫ ކައުންސިލަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

މީގެއިތުރުން ހަމަ އެދުވަހު ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަން ވެސް ވަނީ ނިންމާފައެވެ.

ރަށު ކައުންސިލްގެ މެމްބަރެއްގެ މުސާރައަކީ މަހަކު 9،600 ރުފިޔާއެވެ. އަދި އެލަވަންސްގެ ގޮތުގައި 2،400 ރުފިޔާއާއެކު ޖުމުލަ 12،000 ރުފިޔާ ލިބޭނެއެވެ.

މި އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އެ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 6000 ރުފިޔާ ލިބޭއިރު، ނައިބު ރައީސްއަކަށް 5000 ރުފިޔާ ލިބެއެވެ. އަދި މެންބަރަކަށް 4000 ރުފިޔާ ލިބޭނެއެވެ.

މިިދިޔަ ހޮނިހިރު ދުވަހު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެ ކައުންސިލެއްގެ ބައި އިލެކްޝަނެއް ބާއްވައިފައެވެ. އެއީ މ. ދިއްގަރު ކައުންސިލާއި ތ. ގާދިއްފުށީ ކައުންސިލެކެވެ. އޭގެކުރިން ވަނީ ޅ. ކުރެންދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް ވެސް ބައި އިލެކްޝަނެއް ބާއްވައިފައެވެ.

އެންމެ ގިނައިން ބާއްވަން ޖެހެނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނެވެ. އެފަދަ ކޮންމެ ބައި އިލެކްޝަނަކަށް ގާތްގަނޑަކަށް 150،000 ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.

ފުއާދު ވިދާޅުވީ ގިނަ ބައި އިލެކްޝަންތަކެއް ބާއްވަން ޖެހުމުން އެކަމަށް ކަނޑައަޅާފައިވާ ބަޖެޓު ހުސްވެފައިވާ ކަމަށެވެ. އަދި އިތުރަށް ބެޖެޓް ނުދީ، އިދާރީ ކަންކަމަށް ޚަރަދުކުރަން ހުރި ފައިސާއިން ބައި އިލެކްޝަންތަކަށް ޚަރަދުކުރަން ފިނޭންސް މިނިސްޓްރީން ވަނީ އެ ކޮމިޝަނަށް އަންގައިފައެވެ.

comment ކޮމެންޓް