ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދެވުމަށް ރައީސް ޞާލިހު އެދިވަޑައިގެންފި

އޮކްޓޯބަރު 24، 2021: ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ގަރާރު އަނބުރާ ގެންދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އެދިވަޑައިގަނެފިއެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޞާލިހު މިއަދު ވިދާޅުވީ, ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އެފަދަ ވޯޓެއް ނަގައި ނިޒާމް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި އެ ގަރާރު އަނބުރާ ނެންގެވުމަށް ވެސް ރައީސް ޞާލިހު ވަނީ އެދިވަޑައިގަންނަވާފައެވެ.

އެމަނިކުފާނު އަމިއްލަ ގޮތުން ގަބޫލު ކުރައްވަނީ މިހާރު މި އޮތް ގޮތަށް (ރިޔާސީ ނިޒާމް) ވެރިކަމުގެ ނިޒާމް ބާއްވަންކަން ފާހަގަކޮށް ރައީސް ޞާލިހު ވިދާޅުވީ, ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ރައީސަކު ސަރުކާރު ހިންގުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ ތިންބާރު ވަކިވެފައިވާ ނިޒާމަށް ކަމަށެވެ. އެގޮތުން އެ ނިޒާމުގައި ރައްޔިތުން އިންތިހާބްކުރާ މަންދޫބުންނަށް ގާނޫނު ހެދުމުގެ ބާރު ދޫކޮށްލާފައިވާއިރު މިނިވަން ކަމާއެކު ޝަރީއަތްތައް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެ ގޮތުގައި މިހާރު އޮތް ގަރާރަކީ އަދި މިއޮތްގޮތަށް ކޮންގްރެސްއަށް ހުށަހަޅައިގެން ބަހުސްކޮށްގެން ވޯޓާ ހިސާބަށް ދާވަރަށްވުރެ މާ ޅަފަތުގައި އޮތް ގަރާރެއް. އަޅުގަނޑުގެ އިލްތިމާސަކީ މި ގަރާރު އަނބުރާ ނެންގެވުން. އަނބުރާ ނަންގަވާފައި މިކަމާއި ދޭތެރޭގައި ވިސްނުންގެންގުޅުއްވާ ފަރާތްތަކުން ރައްޔިތުންނާއި ކައިރިއަށްދާންވީ. ގޭގެއަށްވެސް ދާންވީ. ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވަންވީ. ހޮޅުއަށިތަކުގައި ވާހަކަދައްކާ ބަހުސްކުރަންވީ," ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރު މިހާރު އޮތް ގޮތަށް ފާސްވާނެ ކަމަކަށް ރައީސް ޞާލިހު ދެކިވަޑައެއްނުގަންނަވައެވެ.

އެމްޑީޕީގެ ކޮންގްރެސް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެހެން ހުރިހާ ސިޔާސީ ލީޑަރުން ވެސް ދެކޮޅެވެ.

ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމުގެ ހުވަފެން ދެކެވަޑައިގެންނަވާ ބޭފުޅެކެވެ. މީގެ ކުރިންވެސް އެތައް ގޮތަކަށް އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން ބޭނުންފުޅުވާކަން އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.

ދޭތެރެއަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ބަހުސެއް ކުރެވޭއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

އެ އިންތިހާބުގައި ބަރުލަމާނީ ނިޒާމް އެންޑޯސްކޮށްފައިވަނީ އެމްޑީޕީންނެވެ. އޭރު އެ ޕާޓީގެ ޗެއާޕާސަނަކީ ނަޝީދުއެވެ.

comment ކޮމެންޓް