ރަޝިއާގެ ތެލާއި ގޭހުގެ ދާއިރާ ތަރައްގީ ކުރުމަށް ސައޫދީން އިންވެސްޓް ކުރަނީ

ރަޝިއާގެ ގޭހުގެ ސިނާއަތާބެހޭ ކާރުޚާނާއެއް

ރިޔާޒު (16 އޮގަސްޓް 2022): ރަޝިއާގެ ތެލާއި ގޭހުގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ބޮޑު އިންވެސްޓްމަންޓެއް ކުރަމުން ގެންދާކަން ސައޫދީ ކުންފުންޏަކުން ހާމަކޮށްފިއެވެ.

ސައޫދީ ކުންފުންޏެއް ކަމަށްވާ "ކިންގްޑަމް ހޯލްޑިންގް ސައޫދީ"އިން ބުނީ އެކުންފުނިން ރަޝިއާގެ ތެލާއި ގޭހުގެ ދާއިރާ ތަރައްގީ ކުރުމަށް 3.4 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަމުން ގެންދާކަމުގައެވެ. މި އިންވެސްޓްމަންޓް ކުރަނީ ރަޝިއާގެ ތިން ކުންފުންޏަކާ ގުޅިގެންނެވެ. އެއީ ގޭޒްޕްރޮމް، ރޮސްނެފްޓް އަދި ލުކޮއިލް މިތިން ކުންފުންޏެވެ.

ސައޫދީ އަރަބިއާގެ "ކިންގްޑަމް ހޯލްޑިންގް ސައޫދީ" ކުންފުންޏަކީ އެގައުމުގެ މަހުޖަނެއް ކަމަށްވާ ޕްރިންސް ވަލީދުގެ ހިއްސާ ބޮޑު ކުންފުންޏެކެވެ. ނަމަވެސް އެކުންފުނީގައި ސައޫދީ ސަރުކާރުގެ ހިއްސާގެ މިންވަރު 17 އިންސައްތައަށް އަރައެވެ.

ރަޝިއާގެ ތެލާއި ގޭހުގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ސައޫދީ ކުންފުނިން އިންވެސްޓް ކުރަން ފަށާފައިވަނީ ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށިފަހުންނެވެ. މި އިންވެސްޓްމަންޓްގެ މުއްދަތަކީ ތިން އަހަރެވެ.

ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރި ވުމަށާއި އެފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ސައޫދީ އަރަބިއާ ވަނީ ދެކޮޅު ހަދާފައެވެ. މީގެއިތުރުން ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ކުޑަކުރުމަށްޓަކައި ތެޔޮ އެކްސްޕޯޓް ކުރާމިންވަރު އިތުރު ކުރުމަށް އެމެރިކާ ތަކުރާރުކޮށް އެދުނު އެދުމަށް އިޖާބަ ދިނުމަށްވެސް ސަޢޫދީ ވަނީ ދެކޮޅު ހަދާފައެވެ.

ސައޫދީގެ މިއަމަލުތަކާ ގުޅިގެން އެމެރިކާ ކިތަންމެ ވަރަކަށް ކަންބޮޑުވެ ހިތްހަމަނުޖެހިފައި ވީނަމަވެސް ސައޫދީ ކުށްވެރިކޮށް އެގައުމާ ދެކޮޅަށް ބަސްބުނަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

މިދިޔަ ޖުލައިމަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައޫދީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް ސައޫދީން ތެޔޮ އެކްސްޕޯޓް ކުރާމިންވަރު އިތުރުކޮށް ދިނުމަށް ބައިޑެން އެދިވަޑައިގަތުމުން ސައޫދީ ވަލީއުލްއަހުދު މުހައްމަދު ބިން ސަލްމާންވަނީ މިހާރު އުފައްދާވަރަށްވުރެ އިތުރަށް ތެޔޮ އުފެއްދުމުގެ ކެޕޭސިޓީ ސައޫދީގައި މިވަގުތު ނެތްކަމަށް ވިދާޅުވެ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

comment ކޮމެންޓް