ފަޒްލޫން ދޫކޮށްލުމަށް ކުރި އަމުރު ބާތިލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރުމަށްފަހު މިއަދު ދޫކޮށްލި ފަޒްލޫން ----

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އައްޝައިޚް ފަޒްލޫން ބިން މުޙައްމަދު ދޫކޮށްލަން ކުރި އަމުރު ބާތިލް ކުރެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ފަޒްލޫނު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ރަނގަޅު އަމުރެއްކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ބާތިލްކުރަންޖެހޭ އެއްވެސް ހާލަތެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެއަށްފަހު ޝަރުތުތަކެއް ކުރުމަށްފަހު ފަޒްލޫން ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.

ޝައިޚް ފަޒްލޫން ދޫކޮށްލާފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ބަންދުން ދޫކޮށްލާފައެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ.

ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

comment ކޮމެންޓް