"ލަވް ސްޓޯރީ" ޕްރިމިއާކޮށްފި

ނޫރު އެންޑް މޫވީސްގެ ދެވަނަ ފީޗާ ފިލްމް، "ލަވް ސްޓޯރީ" ރޭ އޮލިންޕަހުގައި ޕްރިމިއާކޮށްފި އެވެ.

ބިންމާ އިބްރާހިމް ވަހީދުގެ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން ކުޅެފައިވާ ލަވްސްޓޯރީއަކީ މަޝްހޫރު ޑައިރެކްޓާ އަބްދުލް ފައްތާހު ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މިފިލްގެ ލީޑް ރޯލް ކުޅެފައިވަނީ އަލީ ސީޒަނާއި އާމިރާ އިސްމާއިލް އާއި އައިޝަތު ރިސްމީ އެވެ.

މިފިލްމްގެ ޕްރިމިޔާކުރުމަށް ރޭ އޮލިންޕަހުގައި ބޭއްވި ހާއްސަ ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމެވެ.

ލަވަޔާއި މުއިޒިކާއި ނެށުމުގެ ހަރަކާތްތަކާއެކު ކުރިއަށްދިޔަ އެހަފްލާގައި ރޭ ވަނީ "ލަވް ސްޓޯރީ" ގެ އޯޑިއޯ އަލްބަސް ވެސް ލޯންޗްކޮށްފަ އެވެ. ރޭގެ ޝޯގައި އެއަލްބަމް ވިއްކާފައިވަނީ ދެ ސީޑީ 100ރ. އެވެ.
މީގެއިތުރުން ރޭ ނޫރު އެންޑް މޫވީސްގެ ފަރާތުން އުފައްދާފައިވާ ކުރު ފިލްމް "މިހިރީއެ ހާލަކީ އުޅޭ" ގެ ލޯންކުރުން ވެސް އޮތެވެ. މިކުރު ފިލްމަކީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހަށް ބިނާކޮށްގެން ތައްޔާރުކޮށްފައިވާ ކުރު ފިލްމެކެވެ.

ތިނެސްކަން ލޯބީގެ މި ފިލްމް ފެށިގެން އަންނައިރު އެންމެ ފުރަތަމަ ވެސް ފެނިގެންދަނީ ޝީޒަން އާއި އާމިރާ ބައްދަލުވާ މަންޒަރެވެ. މިދެތަރިންގެ ލޯބީގެ ސިލްސިލާ ފެށެނީ ސަރުކާރުގެ ދަތުރެއްގައި އާމިރާމެންގެ ރަށަށް ޝީޒަން ގޮސް ހުއްޓަ އެވެ.

ލަވް ސްޓޯރީގެ މިއުޒިކް އައްޔުމަން ޝަރީފް ތައްޔާރުކޮށްދީފައިވާއިރު މިފިލްމުގައި ހިމެނޭ ލަވަތައް ކިޔާދީފައިވަނީ ކުޑަ އިއްބެ އާއި އައިޝަތު މާއިން ރަޝީދާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާ އެވެ. އަދި މީރާ މުހައްމަދު މާޖިދު އާއި ޝައްމޫން އަދި އަހުމަދު ޔާފިއު ވެސް ވަނީ ލަވަކިޔާފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީގައި އުފެއްދުމުގެ މަސައްކަތް ފެށި ލަވްސްޓޯރީގެ 14 ޝޯ އޮލިންޕަސް ސްކްރީންގައި އެޅުވުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް ތިން ޝޯ ވަނީ ފުލްވެފަ އެވެ. މިހާރު ވިކެމުންދަނީ ފަސް ވަނަ ޝޯ ޓިކެޓެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު