ވާރޭގައި ވީ ހިޔަނިތައް 9

"ގުރުއާނަކީ ހިތާއި ހަށިގަނޑުގެ އެންމެހައި ބަލިމަޑުކަމަކާއި އަދި ދުނިޔެއާއި އާޚިރަތުގެވެސް ފުރިހަމަ ފަރުވާއެކެވެ."

***

ރޯޒަލީ ފިހާރައަށް ދިޔައީ ޕާނަކާއި ބިސް ގަތުމަށެވެ. ހެދުނު ސަޔަށް ބިސްނެތިއްޔާ ސައިބޮވުނުކަމަކަށްވެސް ނުވާނެއެވެ. ހިމަފޮދު ވާރޭގެ ތެރޭގައި ކުޑަ ނަގައިގެން މަޑުމަޑުން ހިގަމުން ދަނިކޮށް އެކުވެރިއަކާއި ދިމާވިއެވެ. ރޯޒަލީއަށްވުރެ އުމުރުން ހަނގުވެފައި ކިޔަވައިގެން ހުރި މީހެކެވެ.

"ރޯޒް. އަހަރެން މިހެން ބުނީމަ ރުޅި ނާންނައްޗޭ....."

"ރުޅިއަރުވަން ނިޔަތް ގަނެގެން ހުރިއްޔާ ރުޅި އަންނަންވެސް އެނގޭ މީހެއް، ބަލްގިސްގެ ވާހަކަ އަޑުއިވުނީމަ ރުޅި އައިކަން ނޫނީ ނޫންކަން އެނގޭނީ. އަވަހަށް ކިޔާބަލަ. މަގޭ ދަރިން ނާސްތާ ކުރާ ގަޑި ޖެހެނީ......"

"ޚާތޫނު ބުނި ހަޒަލްގެ ދަރިފުޅުގެ ބައްޕައަކީ ޚާތޫނުގެ މާމަ ދަރި ކައިދަން އޭ.........."

ރޯޒަލީ ސިހޭގޮތްވިއެވެ. އަޖޫޒު މުސްކުޅިއަކަށް ވިޔަސް ފޮނިކެނޑުމާއި ރަބަހިލުން ނޫންކަމެއް ޚާތޫނު ނުކުރެއޭ ހިތަށް އަރުވާފައި އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. ހަޒަލް ކުރިކަމަކުން އޭނަގެ އަގު ވެއްޓުން ނޫންކަމެއްނުވިއެވެ. ހަޒަލްއަށް އެނޫން ފިރިހެނަކު މިއޮތް ބޮޑު ކައުނުން ނުފެނުނީހެއްޔެވެ؟

"ބަލަ އެދެމީހުން ކައިވެނިކޮށްގެންނޭ އެދަރި ލިބުނީ...."ރޯޒަލީ އަނދައިގަތެވެ.

"މާފުކުރޭ. ކިހިނެއް އެނގޭނީ؟ ރޯޒް ނުބުނަމެއްނު.އަހަރެމެންނަށް ސައިވެސް ނުދީ ތިހިރީ............"

"ސައި ނުދީ އަދި ނުވެއެއްނު.."

"ކައިދަން ނުކިޔަވާ ހުރި މީހަކަށް ވީމަ ރޯޒް ރުޅިއައިސްގެން ތިގޭގައި ބަހައްޓަން ބޭނުމެއް ނުވިއޯ. އެހެންވެ ސޫފީ ދެރަވެގެން ރޮއި އެކުއްޖާ ހަލާކުވާވަރުވެއްޖެކަމަށް ބުނި. އެބުނާހެން ހަޒަލްއަކީ ޑޮކްޓަރެއް. ޑޮކްޓަރަކާއި ކައިވެނި ކުރިނަމަ........"

"އެހެންވެސް ބުނިތަ؟ ޚާތޫނު އެހެރީ ކަބިވެފައި. ފެނުނުއިރަކުން އެނގިދާނެ..............."

"އަދި އެހެން ވާހަކައެއް އެބައޮތޭ ރޯޒް...ޚަލީސީއާއި ހައިސަމް ރިޒޯޓެއްގައި އެއްކޮޓަރީގައި އުޅުނުކަމަށް........"

ރޯޒަލީގެ ކަންފަތް ކޮޅަށް ޖެހުނެވެ."ކީކޭ؟"

"މިވެސް މީހަކު ދެއްކި ވާހަކައެއް..........."

"ހުއްޓާލާ ހުއްޓާލާ...ހެޔޮނުވާނެ. އަހަރެންގެ ބޯ ފަޅައިގެން ހިނގައިދާނެ. މަގޭ ހައިސަމް ބަދުނާމްކުރަން ހަދަހަދައިގެން ދައްކާ ވާހަކަ. ހައިސަމް ތިބުނާ އަންހެނަކާއި އަނގައިން ބުނިތަނެއްވެސް ނުފެނޭ. ފަހަރެއްގައި އޭނަ ހައިސަމްއާއި ހިތާވީ ކަމަށްވާނީ. ތެދެއް މިބުނީ. އަހަރެންގެ މި ލޯ ކެއްސެއް ނުދޭނެ. ހައިސަމް އެކުއްޖާއާއި ދިމާލަށް ބަލާވެސް ނުލާ. މުޅިންވެސް ހަސަދައާއި ހިތްނުބައިކަމެއްނޫންތަ؟ ދަރިން މޮޅެތިވީމަ މީހުންނަށް އެކަން ބަލައިގަތުން ފަސޭހައެއްނުވާނެ........" ރޯޒަލީގެ ފިޔަވަޅުތައް ކުރިއަށްވުރެ އަވަސްވިއެވެ.

ނާސްތާ ތައްޔާރުކޮށްފައި އޭނަގެ ގާތްއެކުވެރިޔާ ޚާތޫނަށް ޒިޔާރަތްކުރަން ކޮންމެހެންވެސް ޖެހޭނެއެވެ. މީހުންގެ ދޫ ބަންދުކުރަން ކައިދަން ގެއަށް ގެނައުން ފިޔަވާ އެހެން ގޮތެއް ނެތެއްނޫންހެއްޔެވެ؟ އެކަމަކު ޚާތޫންއަކީ ކޮންފަދަ ހިތް ނުބައިމީހެއް ހެއްޔެވެ؟ ކައިދަން ނުކިޔަވާ ހުރި މީހެއްކަމަށް ބުނެ އިއުލާންކުރުމަކީ އަމިއްލަ ދަރި ބޭޒާރުކުރުމެވެ. ދަތްތައް ބިންދައިގެންވާރަށް ރުޅި އާދެވުނީ ހަޒަލްދެކެއެވެ. ހަޒަލްއާއެކު ކިޔެވި ޒުވާނަކާއި ކައިވެނި ކުރިނަމަ މިވަރުގެ ލަދެއް ނުގަތީސްކަން ނޭގެއެވެ. އެކުވެރިންގެ ފަރާތުން މަލާމާތުގެ ބަސް އަޑުއަހަން ޖެހުނީ ހަޒަލްއާއިހެދިއެވެ. މިހާރު ހައިސަމްއާއި ޚަލީސީ އަޅުވާ ކިޔަންފެށީއެވެ. އެކި ޚިޔާލުތަކުން ސިކުނޑިއަށް ބާރުބޮޑުވެ ރިހެންފެށުމުން ކޮތަޅު މޭޒުމައްޗަށް އެއްލާލާފައި ބޭރަށް ނުކުތްއިރު ކުރިއަށްވުރެ ވާރޭ ބޯކޮށްލައިފިއެވެ.

***

ޚާތޫނާއި ރޯޒަލީގެ ކޫސަނި އަރައިރުންގަނޑު ވީޑިއޯކުރަން ކައިދަން ހުރިކަމެއް ދެމީހުންނަކަށްވެސް ރޭކާނުލިއެވެ. ޚާތޫނު ކައިދަންގެ ޖާހިލުކަމުގެ ވާހަކަ އިއުލާން ކުރަނީ ބޮލުގައި އެއްވެސް ތެތްކަމެއްނެތި ކަމުގައި ބުނެ އެއްޗެހި ގޮވިއެވެ. ޚާތޫނު ބުނީ ޑޮކްޓަރަކަށް ނުވިޔަސް ކައިދަންއަކީ ޖަވާހިރެއްކަމުގައެވެ. ތަގުވާވެރިކަމަށްވުރެ މީހާ މާތްކުރާކަމެއް ނެތްކަމުގައެވެ.

"ޑަކުތަރުކަމުގެ ސަނަދު ކަށްވަޅަށް ގެންދިޔައީމަ ލިބޭނީ ކޮން ސަވާބެއްތަ ރަޒިއްޔާ...."

"ކިތައްފަހަރު ބުނާނީ މަށަށް ކިޔަނީ ރަޒިއްޔާއެއް ނޫނޭ..ރޯޒަލީ. ރޯޒަލީ. އަޑުއިވިއްޖެތަ.."

"އާނ ރަޒިއްޔާ އަޑުއިވިއްޖެ...ތިހާ ބާރަށް ބުނަން ބީރެއްނޫން ވިއްޔަ...." ޚާތޫނު ރޯޒަލީއާއި ގާތަށް ޖެހިލަމުން ހީލިއެވެ.

"އަސްތަޣުފިރުﷲ......" ރޯޒަލީ ބޮލުގައި ދެއަތުން ހިފަހައްޓައިލަމުން ގޮނޑިއަކަށް ތިރިވިއެވެ.

"އަހަރެން ބުނި އެއްޗެއް އޮޅުވާލައިގެން ވާހަކަދެއްކި މީހަކު ކިޔައިގެން އުޅެނީ. މަގޭ ކައިދަންގެ އަތުގައި ސަނަދެއް ނެތަސް އެހާ އަޅުވެރި ކުއްޖެއް ނުހުންނާނެއޭ މަ ބުނީ. މީހުންގެ އަނގަޔަކު ނުހިފެހެއްޓޭނެ. ﷲ ދެކެދެނެވޮޑިގެންވާނެ. އަރައިރުންވާން ނަހަދާ ދެމީހުން ސުލްހަވަމާ. ގިޔާމަތާއި ހަމަޔަށް މިތުރެއްގެ ގޮތުގައި ހުންނާނެ މީހަކީ ތީކަމަށް ޚާތޫން ދެކުނީ........."

"ކައިދަން ގާތުގައި ބުނޭ ހަޒަލް ހުންނަ ތަނެއްގައި ހުންނާށޭ. މަގޭ މައްސަލައެއްނެތޭ. ޚާތޫނު އެވާހަކަ އެންމެނަށް އަންގައިފިވިއްޔަ."

"ކުރެވޭ ކައިވެންޏާއި މަރާއި ލިބޭ ދަރިންނަކީ ފޮރުވޭނެ އެއްޗެއްނޫން.ނާސްތާކޮށްފިންތަ؟" ޚާތޫނު އެހިއެވެ.

ރޯޒަލީ ޖަވާބު ދިނުމެއްނެތި އަތުކޮޅަށް ދޮރު ޖަހާލާފައި މަގަށް ނުކުތްއިރު ކުރިއަށްވުރެ ވާރޭ ބޯކޮށްލައިފިއެވެ. ކުޑައިގެ މައްޗަށް ވެލިތައް އޮއްސަމުންދާފަދައެވެ. އައި ބާރު ވައިރޯޅިއަކާއެކު ކުޑަ ގެންދާތަން ފެނި ރޯޒަލީ ފަހަތުން ދުއްވައިގަތުމުން ފަޔަށް ތަދެއްއެރިއެވެ.

***

ހަޒަލް ސޫފީ މޭޒުމަތިން ބޭލުވީ ޗީޒް ފުޅިތެރެއަށް އަތް ކޮށްޕައިގެން މުޅި މޫނާއި ހެދުން ހަޑިވުމުންނެވެ. އެވަރުންވެސް މަސައްކަތް ހުއްޓައެއްނުލިއެވެ. ޕާން ކޮށާ ކުދިކޮށްފައިި ބިންމައްޗަށް އެޅިގޮތަށް ފުށް ޓައްޕެއްވެސް ބަންޑުންކޮށްލާފައި ތެޔޮފުޅި އޮއްސައިލީއެވެ. ހަޒަލް ޖެހެނީ މޮޕް ހިފައިގެން ފަހަތުން އުޅޭށެވެ. ލޯބިބުދެއްހެން ހުއްޓަސް ހަލަންޏެކެވެ.އެމާ ދޮރުމައްޗަށް އެރިވަގުތު ސޫފީ ކުރިކަމަކުން އެމާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެއޮތްފަދަ ކުޑަކުއްޖާ ހަޒަލް ބިންމަތިން ހިއްލައިލީއެވެ.

"ސޫފީ....."ހަޒަލްވެސް ހަޅޭއްލަވައިގަތެވެ.

"ހަޒަލް. މިއީ ނޯމަލްކަމެއްތަ؟" އެމާގެ މޫނު ކަފަކޮޅަކަށްވިއެވެ.

"އެހެން މީހަކު ގަބޫލެއްވެސް ނުކުރާނެ ދޯ..." ހަޒަލް ފަޚުރުވެރިވިއެވެ. އޭނަގެ ދަރިފުޅު ބާރުގަދައީއެވެ.

"މަންމިގެ ލިޓްލް ސުޕަރމޭން. ދޯ ދޫނި..."ހަޒަލް ކަންބޮޑުވެފައިވާގޮތަކަށް ހީލިއިރު ހިތުގައި ކޮންމެވެސް ވަރަކަށް ޝައްކު ހިނގައިގަތެވެ. ދަރިފުޅުގެ ހަލަނިކަމާއި ވާހަކަދެއްކުމުގައި ހުރި ލަސްކަމާއި ހަތަރުކަޅި ހަމަނުކުރުންފަދަ ކަންތައްތަކަކީ އަޅާނުލާ ދޫކޮށްނުލެވޭވަރުގެ ކަމެއްބާވައޭ ހިތަށްއެރިއެވެ. އެފަދަ ކުދިންނަށް ބާރުތަކެއްވެސް ލިބިފައިވަނީހެއްޔެވެ؟ދަރިފުޅުގެ އެފަދަ މައްސަލައެއް ހުރެދާނެކަމުގެ ބިރު ހުރިހާކަމަކަށްވުރެ ހިތުގައި ބޮޑުވެ ހާސްކަމުގެ ނޭވާއެެއްދޫކޮށްލެވުނެވެ.

***

ރަތްވިލާ ދަޅަތަކުން ދުނިޔެ ޖަރީކޮށްފައިވާއިރު ކަނޑުގެ ލޮނުގަނޑަށްވެސް ތަފާތު ރީތިކަމެއް ލިބިފައިވިއެވެ. ސޫފީގެ އިސްތަށިގަނޑުވެސް ހުޅުދާންވެފައިވާފަދައެވެ. އެމޫނަށް ވެރިވެފައިވާ ރަންކުލަ ދެކުނު ކޮންމެ މީހެއްގެ ހިތަށް ކުޅަދުންވަންތަކަން ވަންނާނެއެވެ. ގުދުރަތުގެ ރީތިކަން ފޯނުގައި ރައްކާކުރަމުން ކައިދަންއާއި ހަޒަލް ދަރިފުޅާ މާމަ ޚާތޫނުއާއެކު އުފާވެރި ވަގުތުތައް ހޭދަކުރިއެވެ. ސޫފީ ކަކުންޏާއި ކުޑަ ބަރަވެއްޔެއް ހޮވިއެވެ. އެކަމުގައި ޚާތޫންވެސް އެހީތެރިވެދިނެވެ.ކުދި ބޮލިތަކާއެކު މަހެއްވެސް ފުޅިއަކަށް ލައިގެން ގާގަނޑެއްގެ މަތީގައި އިންއިރު ސޫފީގެ މޫނަކީ އުފާވެރިކަމުގެ ތަސްވީރެކެވެ. ސޫފީ އެތަނުން އަންނަން ބޭނުންނުވެގެން އެތައް ވަރަކަށް ހައްލަން ޖެހުނެވެ. ގެއާއި ހަމަޔަށް ފޯރިއިރު ހަތެއްޖަހާ ބޮޑުވެއްޖެއެވެ. ލޮނާއި ވާރެއާއި ތެމިގެން ހުރުމުން ހީކަރުވައިގެން ރޫރޫ އަޅަންފެށުމުން ހަޒަލް ސޫފީ ފެންވަރުވާފައި ކޮޓްން ހެދުމެއްލެއްވިއެވެ. ކުޑަކޮށް ހޫނުކަން ހުރި ކިރުފުޅި ތުނބުގައި ޖަހައިގެންވެސް އިނީ ގޮޑުދޮށުން ގެނައި އެއްޗެއްސާއި ކުޅެން ބިންމަތީގައެވެ.

ހަޒަލް އޭނަގެ މަންމައަށް ފޮޓޯތައް ދައްކަންފެށިއެވެ. ރޯޒަލީގެ މޫނުމަތިން ތަފާތު ކުލަވަރެއް ފެނުނެވެ. އޭނަގެ ބަދަލުގައި ޚާތޫން ހުރުމުން އެ މަންޒަރުން އުފަލެއް ނުލިބުނީކަން ނޭގެއެވެ.

"ކުދިންނާއިއެކު އިރުއޮއްސޭ ގަޑީގައި ބޭރުގައި އުޅުމަކީ ކިހާވަރެއްގެ ނާމާންކަމެއްކަން ހަޒަލް ނުދަންނަންތަ؟ ހިނގާލަން ދާން އެހެން ހުރިހާ ގަޑިއެއް އޮތްއިރު އެނޫން ގަޑިއެއްގައި ނުދެވެނީތަ؟"ރޯޒަލީ ތުން ފިތައިގަތެވެ.

"ހަނދާންނެތުނީ..."ހަޒަލް ޖަދަލުކުރަން ބޭނުމެއްނުވިއެވެ.

ހަގީގަތަކީ ހަޒަލް އެފަދަ މުސްކުޅި ބޯދާ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއްނުދެއެވެ. އެއީ އޭނަ ދެކޭގޮތުން ފުލޯކު ވާހަކަތަކެވެ. މަންމަމެންގެ އެ ޚިޔާލުތަކާއި ދެކޮޅުވިޔަސް ޒުވާބުކޮށް އެކަމާއި ދެކޮޅަށް ބަހުސްކުރުމަކީ މިޒާޖު ތަންދޭ ކަމަކަށް ނުވާތީ ހަޒަލް ނަމާދުކުރަން ދަނީ ކަމަށް ބުނެފައި އަވަސްވެގަތީ ނަމާދުކޮށްލުމަށެވެ. އެންމެފަހު މިނިޓްގައި ތެޅިފޮޅިގެން ނަމާދުކުރިޔަސް ޚިޔާލު ހުންނަނީ އެހެން ދިމާލެއްގައެވެ. ނަމާދުކުރަން ޖެހޭތީ ކުރެވެނީއެވެ. ފަރުޟް ފުއްދައިލެވުނީކަމުގައި ހަޒަލްދެކެއެވެ. ހަޒަލްގެ މަސައްކަތް ގިނަކަމުން އަޅުކަމަށް ހޭދަކުރާ ވަގުތުކޮޅަށްވެސް ފަރުވާތެރި ނުވެވެނީއެވެ.

ހަޒަލް ސޫފީ ނިންދަވަން އެނދުގައި ބާއްވައިގެން އިނގިރޭސި ވާހަކަފޮތެއް ހުޅުވައިލިއެވެ. ސޫފީ އެކަމަކަށް ޝައުގެއްނެތެވެ. ކުޅެންދާން ވެގެން ވަރުދައްކަންފެށިއެވެ. ކުޅޭ އެއްޗެހި ދިނުމުން އުކާލާފައި ދެން ޖެހުނީ ބޭރަށް ނިކުންނާށެވެ. ވައިސޫރިއެކޭ ތަފާތެއްނެތި އެކި ދިމާލަށް ދުވެ ސަކަރާތްޖަހާ އެހެން މިހުންނަށް އުދަގޫކުރަމުން އުޅެފައި އެންމެފަހުން ބިމަށް ވެއްޓިގެން ރޮއިގަތެވެ. އެގަޑީގައި ރުއީ "މޫދު" ކިޔާފައެވެ. ހަޒަލް ދަރިފުޅު ގަދަކަމުން ނަގައިގެން ކޮޓަރިއަށް ގެންގޮސް ނިންދަވަން އުޅެ އުޅެ ރުއިން ހުއްޓައެއްނުލިއެވެ. ހަޒަލް ގޮތްހުސްވެގެން އެންމެފަހުން ކައިދަންއަށް ގުޅިއެވެ. ހަޒަލްގެ ލޯވެސް ކަރުނުން ފުރި ބަންޑުންވިއެވެ.

"ގަޑިއެއްހާއިރުވެއްޖެ. ސޫފީ ހަމަ ރޮނީ. ކުރާނެ ކަމެއް ނޭގިގެން..."

"ޑޯންޓް ވޮރީ..ސޫފީ ބައެއްފަހަރު....."

"މީހަކު ދެރަވާނީ މިވަރަށް....ކޭޑްއަކަށް ނޭގޭނެ. ދަރިފުޅު ރޮއިރޮއި ވަރުބަލިވެފައި. އަހަންނަށް ހީވަނީ ކޮންމެވެސް ނަފްސާނީ މައްސަލައެއްވެސް އުޅޭހެން. ކުރިން ޝައްކުވީ. މިހާރު.......މިހާރު.."ހަޒަލްއަށް ރޮވޭވަރުން ވާހަކަ ހުއްޓައިލަން މަޖުބޫރުވިއެވެ. އެންމެ ފަހުން ފޯނު ކަނޑާލާފައި ސޫފީގެ ގައިގާ މަޑުމަޑުން ބައްދައިލަން އުޅުނެވެ. އޭރު ވަރުބަލިވެގެން އަޑު ހިނދުނަސް ދޭތެރެއަކުން ރޮއިގަންނަނީ އިތުރު ހިތްވަރެއްލާފައެވެ. އެމާއާއި ޚަލީސީ އަދި ރާހިލްވެސް ސޫފީ ރުއްސަން އެކިގޮތްގޮތަށް މަސައްކަތްކުރިއެވެ. ރޯޒަލީ ފެންތަށްޓެއް ގެނެސް އަލްހަމްދު ކިޔަވާފައި ފުމެލުމުން ސޫފީގެ ރުއިން މަޑުޖެހި ދެލޯމެރެން ފެށުމުން އޭނަ ހަޒަލްއަށް ނަޒަރު ހުއްޓައިލިއެވެ.

"ހަޒަލް. ނުފެނޭތަ؟ ކިޔަވަން ފަށާއިރަށް އެކުއްޖާއަށް ނިދުނީ. ޔަގީނޭ ކޮންމެވެސް ނުބައި އެއްޗެއް އެސްފީނާ ޖެހީކަން......ސޫފީ އަށް ރުގުޔާ ކުރުވަންވީނު..."

"ރަގަޅު މީހެއް އެބަހުރިތަ؟" ހަޒަލް ސޫފީ ބިންމައްޗަށް އުކާލާފައި ހުރި ކުޅޭ ސާމާނު އެއްކޮށްފައި ފޮށްޓަށް އަޅަމުން ދިޔައެވެ.

"ބަލައިލަން ޖެހޭނީ..."

"އެންމެ ރަގަޅު....."

"ފާޑުފާޑު ހަންޑި ބުދާއި އެއްޗެހި ދީފައި އެކަހަލަ ކުރެހުންއެޅި ހެދުންތައް ލެއްވީމަ ޖިންނި ޝައިތާނުން ކުދިންނާއި ކައިރިވާނެ...އަނެއްކާ ކޮންފަދަ ނަމެއް ދީފައި ތިހިރީ؟ ސޫތްޕެއް ކިޔާހެން މަންމައަށް ހީވަނީ. ތި ނަން ބަދަލުކުރުވާފައި ކުދިން ގެންގުޅޭ މާހައުލު ޝައިތާނުން ކައިރިނުވާފަދަ ގޮތަކަށް ބަހައްޓާ. ގުރުއާނުގެ އެންމެ އާޔަތެއްވެސް މި ކޮޓަރިން ނުފެނޭ....މުޅިންވެސް ބުދުތަކާއި އޭތި މީތި. މިހާރު ކަކުންޏާއި ބަރަވެއްޔާއި މަސް..................."

މަންމައާއި އޭނަގެ ޚިޔާލު ހާސްގުނަ ތަފާތުކަމުގައި ވިޔަސް ހަޒަލް ހިމޭންކަން ޚިޔާރުކުރިއެވެ. ދަރިފުޅަށް އެ ނަންދިނީ ކައިދަންއެވެ. ހަޒަލްއަށްވެސް އެނަން ވަރަށް ހިތްގައިމެވެ.

ސޫފީ ފުން ނިންޖެއްގައި އޮތްތަން ފެނުމުން ހަޒަލް ބޭރަށް ނުކުމެ ކައިދަންއަށް ގުޅިއެވެ. އޭރު އެމާއާއި ޚަލީސީ ފެންޑާގައި ވަރަށް ފޯރިއާއެކު ޗެސްކުޅެން ތިއްބެވެ.

"ސޫފީ....ސޫފީ.....ވާރޭ ވެހެނީނު. އަވަހަށް އެތެރެއަށް ވަދޭ.."އެމާގެ އަޑަށް ހަޒަލް ހައިރާންކަމާއެކު ބޯ ދިއްކޮށްލިިއިރު އެމާ ގަސްތަކާއި ދިމާލަށް ދުއްވައިގަންނަނީއެވެ.

"އެމާ. ސޫފީ ކޮޓަރީގައި ނިދާފައި..އެމާއަށް ހީވިގޮތަކަށް ވާނީ...."

"ވަޓް؟" އެމާ އެނބުރި ބަލައިލިއެވެ. މޫނުން ފެންތައް ފޮހެމުން އައިސް އޭނަ އެތެރެއަށް ވަނެވެ."ޔަގީންތަ؟ އެކަމަކު........"

ހަޒަލް ފޯނު އެއްލާލާފައި ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު