ބާޖެއް ފަރަށް އެރުމުން ގެއްލުމުގެ ބަދަލު 152 މިލިއަނަށް, ދައްކަން ޖެހެނީ 100 މިލިއަން ރުފިޔާ

މީގެ ކުރިން ފަރަށް އަރާފައި އޮތް ހިލަ ބާޖެއް: ވ. އަތޮޅު ފަޅަކަށް އުރުނު ބާޖެއް ވަނީ 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި ---

އިންޑިއާއިން ހިލަ ހިފައިގެން ރާއްޖެއައި ބާޖެއް ފަރަށް އެރުމުން ލިބުނު ގެއްލުމުގެ ބަދަލު 152 މިލިއަން ރުފިޔާއަށް އެރި ނަމަވެސް ޖޫރިމަނާގެ ގޮތުގައި ސަތާކެ މިލިއަން ރުފިޔާ ދެއްކުމަށް އަންގައިފިއެވެ.

މިދިޔަ މޭ މަހުގެ އެއް ވަނަ ދުވަހު އެ ބާޖު އުރިފައިވަނީ ވ. އަތޮޅު މާގުޅީ ފަޅުގެ އުތުރުން އޮންނަ ފަރަކަށެވެ. ޓަގު ބޯޓާއެކު ވ. ރަކީދޫއަށް ދަތުރުކުރި އެ ބާޖު ފަރަށް އެރީ ކަނޑުއޮޅިން ވަންނަން އުޅުމުގެ ތެރޭގައެވެ.

ބާޖު ފުންކުރުމަށްފަހު, އެންވައިރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ބޯޓުގެ ވެރިފަރާތުން ގުޅިގެން ވަނީ ފަރަށް ލިބުނު ގެއްލުމުގެ ސާވޭއެއް ކޮށްފައެވެ. އެ ސާވޭއިން ދައްކާ ގޮތުން ފަރުގެ 6054 އަކަމީޓަރުގެ ސަރަހައްދަކަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ.

އެގޮތުން ލިބުނު ގެއްލުންތަކަށް ކުރަން ޖެހޭ ޖޫރިމަނާގެ ޖުމްލަ އަދަދު 152,569,800ރ. (ސަތޭކަ ފަންސާސް ދެމިލިއަން ފަސްލައްކަ ފަސްދޮޅަސް ނުވަހާސް އަށްސަތޭކަ) އަށް އަރާ ކަމަށް އީޕީއޭ އިން މިއަދު ވަނީ ބުނެފައެވެ.

ނަމަވެސް ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާ އަކީ 100 މިލިއަން ރުފިޔާއެވެ.

އެހެން ކަމުން އިންޑިއާގެ އޭއެމް އަލްޕިޓް ނަމަކަށް ކިޔާ ބާޖު ސަތާކަ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. ބޯޓުގެ ދިވެހި އެޖެންޓް މެއިންލޭންޑް ޝިޕިންގ މެދުވެރިކޮށް ވެރި ފަރާތަށް ވަނީ އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މިއަދު ވަނީ އަންގާފައެވެ.

comment ކޮމެންޓް