އެމެރިކާއާއި އިންޑިއާގެ ފިއްތުންތަކާއެކުވެސް ޗައިނާގެ އުޅަނދަށް ސްރީލަންކާއިން ހުއްދަ ދީފި

ސްރީލަންކާގައި ބަނދަނރު ކުރަން ހުއްދަދިން ޗައިނާގެ ކަނޑުގެ އުޅަނދު

ކޮލަންބޯ (15 އޮގަސްޓް 2022): ޗައިނާ ސިފައިންނަށް ނިސްބަތްވާ އިލްމީ ދިރާސާ ކުރާ ކަނޑުގެ އުޅަނދެއް ކަމަށްވާ "ޔުއާން ވޮންގް 5" ސްރީލަންކާއަށް ދާތީ އިންޑިއާ އާއި އެމެރިކާ ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށް އެއުޅަނދު ހަންބަންޓޯޓޯ ބަނދަރުގައި މަޑުކުރުމުގެ ހުއްދަ ސްރީލަންކާ ސަރުކާރުން ދީފިއެވެ.

ސްރީލަންކާއިން ބުނެފައި ވަނީ، މަދަނީ ބޭނުންތަކަށް ޗައިނާގެ އުޅަނދު ހަމްބަންޓޯޓާގައި ބަނދަރު ކުރުމުގެ ހުއްދަ ދީފައިވާނެކަމުގައެވެ. ޗައިނާގެ މިއުޅަނދަކީ އެގައުމުގެ އަސްކަރިއްޔާއިން ހިންގާ އިލްމީ ދިރާސާތަކަށް ޚާއްސަ އުޅަނދެއް ކަމަށްވެއެވެ. ނަމަވެސް މިއީ އިންޑިއާ ކަނޑު ތަހުލީލު ކުރުމުގެ އިލްމީ މަސައްކަތުގައި އުޅޭ އުޅަނދެކެވެ. އެ އުޅަނދު ހަންބަންޓޯޓޯ ބަނދަރުގައި މަޑުކުރަނީ ތެޔޮ އެޅުމަށާއި އެނޫންވެސް ތަކެތި އެއަށް އެރުވުމަށް ކަމަށްވެއެވެ.

ޗައިނާގެ ދިރާސީ އުޅަނދު އެންމެ ފުރަތަމަ ހަންބަންޓޯޓޯ ބަނދަރުގައި މަޑުކުރާ ގޮތަށް އޮތީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް އިންޑިއާއާއި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ސްރީލަންކާ ސަރުކާރުންވަނީ ޗައިނާގެ އުޅަނދު ބަނދަރުކުރާ ތާރީޚު ލަސްކޮށްފައެވެ.

ޗައިނާގެ އިލްމީ އުޅަނދަކީ ސެޓެލައިޓްގެ އެހީގައި ކަނޑުގެ އަޑީގެ މައުލޫމާތު ހޯދުމުގެ ގާބިލްކަން ލިބިފައިވާ އާލާތްތައްވެސް ހަރުކޮށްފައިވާ އުޅަނދެއްކަމަށްވެއެވެ. މީގެއިތުރުން ރޮކެޓާއި އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލްފަދަ ހަތިޔާރުތައް ވެސް މޮނިޓާ ކުރުމުގެ ގާބިލްކަންވެސް އެ އުޅަނދުގައި ހުރިކަމަށްވެއެވެ.

ޗައިނާގެ އުޅަނދު އިންޑިއާ ކަނޑުގެ ބައިނަލްއަގްވާމީ ސަރަހައްދުގައި އިލްމީ ދިރާސީ މަސައްކަތްތަކުގައި އުޅޭތާ އެތަށް ދުވަހެއް ވެފައިވެއެވެ. އިންޑިއާ ކަނޑުގެ އިތުރުން ޕެސިފިކް ކަނޑުގައިވެސް އެއުޅަނދު ހަރަކާތްތެރިވެއެވެ.

ސްރީލަންކާއަށް ބާރާއި ނުފޫޒު ފޯރުވުމުގެ ގާބިލްކަން އެންމެ ބޮޑީ ޗައިނާއާއި އިންޑިއާގެއެވެ. އެއީ އެދެގައުމަކީ ސްރީލަންކާއަށް އިގްތިސާދީ ގޮތުން އެންމެ ބޮޑަށް އެހީތެރިވާ ދެގައުމު ކަމަށްވާތީއެވެ. އެމެރިކާއަކީ ސްރީލަންކާއަށް މާބޮޑު އެހީއެއްދޭ ގައުމެއް ނޫނެވެ. އަދި ސްރީލަންކާގެ އިމްރާނީ ތަރައްގީގައި އެއްވެސް ހިއްސާއެއް އަދާކުރާ ގައުމެއްނޫނެވެ. އެހެންކަމުން އެމެރިކާގެ ބާރާއި ނުފޫޒު ސްރީލަންކާގައި ވަރަށް ކުޑައެވެ.

ޗައިނާގެ އުޅަނދު ބަނދަރުކުރުމަށް ހަމަޖެހިފައިވާ ހަމްބަންޓޯޓާ ބަނދަރަކީ ސްރީލަންކާގެ ދެކުނުގައި އޮންނަ ބަނދަރެކެވެ. އެތަން ބިނާކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އެ ބަނދަރު ބިނާކުރަން ޗައިނާއިން 1.5 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ހަމްބަންޓޯޓާ ބަނދަރު ބިނާކުރުމަށް ޗައިނާއިން ނެގި ލޯނު އަދާކުރަން 2017 ވަނަ އަހަރު ސްރީލަންކާ ނުކުޅެދުމުން ސްރީލަންކާ ސަރުކާރުންވަނީ އެއަހަރު އެ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފައެވެ.

އިންޑިއާ ކަނޑަކީ އިންޑިއާގެ އިތުރުން ޗައިނާ، ޕާކިސްތާން، އީރާން، އަދި އެމެރިކާ އާއި އެނޫންވެސް ނިއުކްލިޔާ ބާރުތަކަކުން ވަރަށް ބޮޑަށް ސަމާލުކަންދޭ އަދި އެ ގައުމުތަކުގެ އަސްކަރީ އަދި އިގްތިސާދީ މަސްލަހަތުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ބިޔަ ކަނޑެކެވެ.

އިންޑިއާ ކަނޑުގެ މެދެއްހާ ހިސާބުގައި އޮންނަ ޗާގޯސް ޖަޒީރާތަކުގައި (ފޯޅަވަހީގައި) އެމެރިކާވަނީ އަސްކަރީ ބޭހެއް ގާއިމްކޮށްފައެވެ. ނަމަވެސް އެމެރިކާއަކީ އިންޑިއާ ކަނޑާ އެތައް ހާސް މޭލެއްގެ ދުރުގައިވާ ގައުމެކެވެ. ޗާގޯސް ޖަޒީރާތަކުގައި އެމެރިކާ ގާއިމްކޮށްފައިވާ އަސްކަރީ ބޭހަށް ޗައިނާއާއި އިންޑިއާ އަދި އީރާން ވެސް ލޯއަޅަމުން ގެންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް