މިސްރުގެ ގިބްތީ ފައްޅީގައި ހިނގި އަލިފާނުގެ ޙާދިސާގައި 41 މީހުން މަރުވެއްޖެ

ފައްޅީގެ އެތެރެވަނީ އަލިފާނުގެ ސަބަބުން މުޅިން ހަލާކުވެފައި

ގާހިރާ (15 އޮގަސްޓް 2022) : މިސްރުގެ ވެރިރަށް ގާހިރާގެ ގިބްތީ ފައްޅިއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 41 މީހުންގެ ޖަނާޒާތައް ބާއްވަން ފަށައިފިއެވެ.

މިސްރުގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން ގާހިރާގެ އިންބާބާ އަވަށުގައި ހުންނަ އަބޫސީފީން ފައްޅީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 41 މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. މި އެންމެންވެސް މަރުވީ އަލިފާނުގެ ޙާދިސާއާއެކު އުފެދުނު ބޯ ދުމުގެ ސަބަބުން ހާސްވެގެންކަމަށް ޑޮކްޓަރުންނާ ހަވާލާދީ މިސްރުގެ ސިއްހަތާބެހޭ ވުޒާރާ ބުނެފައިވެއެވެ.

ގާހިރާގައި ހުންނަ ގިބްތީ ފައްޅީގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގައި މިސްރުގެ ފުލުހުން ހަރަކާތްތެރިވަނީ މިސްރުގެ އަމަނާބެހޭ ފަރާތްތައް ބުނާގޮތުން އަބޫސީފީން ފައްޅީގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެތަނުގައި ހުރި ޖަނަރޭޓަރެއްގައި ހިނގި ކަރަންޓް ޝޯޓަކުންކަމަށް އިބްތިދާއީ ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. ނަމަވެސް ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު އެފައްޅީގައި 5,000 އަށްވުރެން ގިނަ ގިބްތީން އެމީހުންގެ އަޅުކަމެއްގައި ތިބިކަމަށްވެއެވެ.

ކުއްލިއަކަށް ހިނގި މިހާދިސާގައި މިހާ ގިނަ ބަޔަކު މަރުވުމުން މުޅި މިސްރަށް ވަނީ ސިހުން ލިބިފައެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވަނީ މިހާދިސާގައި މަރުވި 41 މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ސީސީ ވަނީ މިސްރުގެ ގިބްތީންގެ އިސް ފާދިރީ ޕޯޕް ތަވާޟުރޫސް ދެވަނަ އާ ފޯނުން ގުޅުއްވައި އޭނާއަށްވެސް ތައުޒިޔާ ވިދާޅުވެފައެވެ.

އަލިފާނުގެ މިހާދިސާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އާއިލާތަކަށް ފައިސާގެ އެހީތައް ދޭނެކަން މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދްބޫލީ ވަނީ ހާމަކުރައްވާފައެވެ. މިސްރުގެ އިސްލާމީ އެންމެ ބޮޑު ޔުނިވާސިޓީކަމަށްވާ އަލްއަޒަހަރު ޔުނިވާސިޓީގެ ޝައިޚް އާއި އެޔުނިވާސިޓީގެ ޗާންސެލަރު ވެސް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވަކިވަކިން ތައުޒިޔާ ވިދާޅުވެފައެވެ. މީގެއިތުރުން އަރަބި އެތައް ގައުމެއްގެ ވެރިން ވެސް ވަނީ މި ހާދިސާއާ ގުޅިގެން މިސްރުގެ ރައީސް އަށް ތައުޒިޔާ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް